ކޮފް ސިރަޕެއް (ކެއްސާތީދޭ ދިޔާ ބޭހެއް) ތަޣައްޔަރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފައިވާތީ، އިންޑިޔާ ކުންފުންޏެއްގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިވެއެވެ.

އިންޑިއާ ސަރުކާރުން ބުނި ގޮތުގައި ޕަންޖާބު ސްޓޭޓުގައި މަރުކަޒުވެފައިވާ ކިއުޕީ ފާމަކެމް ލިމިޓެޑުން އުފައްދާފައިވާ ކޮފް ސިރަޕެއް ތަޣައްޔަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން މިހާރު ވަނީ ހިފަައްޓާފައެވެ. އަދި އެކުންފުނީގެ އުފެއްދުންތައް ބާޒާރުގައި ވިއްކުން މިވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

އެ ކުންފުނިން އުފައްދާފައިވާ ކޮފް ސިރަޕުން ތަޣައްޔަރުކަން މިފަހަރު ފެނިފައިވަނީ މާޝަލް އައިލޭންޑްސްއާއި މައިކޮރޮނޭޝިއާގައި މިދިޔަ އޭޕްރީލްމަހު ވިއްކާފައިވާ ބޭސް ފުޅިތަކަކުންނެވެ.

ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ގްލައިކޮލް ކެމިކަލްގެ ދެ ބާވަތެއް މާގިނައިން މި ސިރަޕުގައި ބޭނުންކޮށްފައިވެއެވެ. މިއީ ވިހަ މާއްދާއެއް ކަމަށާއި އަދި ފުރާނައަށް ނުރައްކާކުރާ މާއްދާއެއްކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

އެހެންނަމަވެސް މިކުންފުނިން ބުނާގޮތުން ކޮފް ސިރަޕް ތަޣައްޔަރުވުމުގައި މިކުންފުނީގެ އިހުމާލެއް ނޯންނާއެވެ. އެހެންވެ، ވަގުތީ ގޮތުން ހިފަހައްޓާފައިވާ، ބޭސް އުފެއްދުމުގެ ހުއްދަ އަނބުރާ ހޯދުމަށް މިކަން އިސްތިއުނާފުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

އިންޑިއާގައި އުފައްދާފައިވާ ކޮފް ސިރަޕެއް ބޭނުން ކުރުމުގެ ސަބަބުން މިދިޔަ އަހަރު ގެމްބިއާއާއި އުޒްބެކިސްތާނުގައި 89 ކުއްޖަކު މަރުވެފައިވެއެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ނަން ވަރަށް ބޮޑަށް ކިލަނބުވިއެވެ.

އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏަކުން އުފެއްދި ކޮފް ސިރަޕް ބޮއެގެން މިދިޔަ އަހަރުވެސް ގެމްބިއާގައި 70 ތުއްތު ކުދިން ވަނީ މަރުވެފައެވެ.

މިދިޔަ އަހަރު ފެންމަތިވި ކޮފް ސިރަޕުގެ މައްސަލައާއި ގުޅިގެން ދެކުންފުންޏެއްގެ ހުއްދަ އިންޑިއާ ސަރުކާރުން ހިފަހައްޓާފައިވެއެވެ. އެދެކުންފުންޏަކީ މައިޑެން ފާމަސޫޓިކަލްސްއާއި މޭރިއަން ބަޔޯޓެކް ޕްރައިވެޓް ލިމިޓެޑްއެވެ. އިންޑިޔާ މަޝްހޫރުވެފައިވަނީ މުޅި ދުނިޔެއަށް ބޭސް ސަޕްލައި ކުރުމަށް ބޭސް އުފައްދާ ފާމަސީގެ ގޮތުގައެވެ. މިއީ މިހާތަނަށް މިކަހަލަ ކަމަކާ ގުޅިގެން ދިމާވި އެންމެ ބޮޑު ކާރިސާއެވެ.