ސްކޮޓްލޭންޑުގެ 2،000 އެއްހައި ކޮވިޑް-19 ވޭދަނަތަކާއި ޔޫރޯ2020 މެޗުތަކާއި ގުޅިފައިވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޖޫން މަހުގެ 18ވަނަ ދުވަހު އިނގިރޭސިވިލާތާ ދެކޮޅަށް ސުކޮޓުލެންޑުން ކުޅުނު މެޗު ބެލުމަށް 20،000 އަށްވުރެ ގިނަ މީހުންވަނީ ލަންޑަނަށް ގޮސްފައެވެ. އޭގެ ތެރެއިން 1،991 މީހުންނަކީ ކޮވިޑް-19 ޖެހިފައިވާ މީހުންކަމަށާއި، ބަލިޖެހިފައިވާ 397 މީހުން ލަންޑަނުގައި ހުންނަ ވެންބުލީ ސްޓޭޑިއަމަށް ދިޔަކަމަށް ސުކޮޓުލެންޑުން ބުނެފިއެވެ.

ސްކޮޓްލޭންޑުން ކޮވިޑާއި ގުުޅިގެން ވެމްބުލީ ސްޓޭޑިއަމްގައި އޮތް މެޗުބެލުމަށް ޓިކެޓު ދޫކޮށްފައިވަނީ 2،600 މީހުންނަށެވެ. ނަމަވެސް، ޓިކެޓު ލިބިފައިނުވާ މީހުން ލަންޑަނަށް ދަތުރު ނުކުރަން އަންގާފައިވަނިކޮށް، ޓީމުގެ އެތައް ހާސް ސަޕޯޓަރުންނަށް ގަވާއިދާ ހިލާފަށް ލަންޑަނަށް ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ލަންޑަނަށް ދަތުރުކުރި މީހުން ޔޫރޯގެ އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާކަމަށާއި އާންމު ތަންތަނަށް އެ މީހުން ގޮސްފައިވާކަމަށް ވެސް އެގައުމުން ބުނެއެވެ.

ސްކޮޓްލޭންޑުގައި ބަލި ފެތުރުމާއި ފުޓުބޯޅަ މެޗުތަކާއި ގުޅުމެއް ވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ. އެގައުމުގެ ނޭޝަނަލް ކްލިނިކަލް ޑިރެކްޓަރ ޖޭސަން ލެއިޗް ވިދާޅުވީ ޖުލައި މަހުގެ 11ވަނަ ދުވަހުން ފެށިގެން މިހާތަނަށް 32،000 ކޮވިޑް ވޭދަނަ ރިޕޯޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 2000 ކޭސް އަކީ ޔޫރޯ2020 މެޗުތަކާއި ގުޅިފައިވާ ވޭދަނަތަކަކަށް ވާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ.

ޔޫރޯގެ މެޗުތައް ފެށުން ފަހުން ސްކޮޓްލޭންޑުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ފޭންޒޯނުން 55 މީހަކު ފައްސިވެފައިވާއިރު، ހަމްޕްޑެންގައި ކުޅުނު ސްކޮޓްލޭންޑާއި ކްރޮއޭޝިޔާގެ މެޗުން 38 މީހަކު ފައްސިވެފައިވެއެވެ.