މަރުވި ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ވީ ގޮތެއް ހޯދުމަށް ސްކޮޓްލެންޑުގެ މަންމައަކު އެތައް އަހަރަކު ކުރި މަސައްކަތަށް އެންމެ ފަހުން ނިމުން އައިސް، ދަރިފުޅު މަރުވިތާ 48 އަހަރު ފަހުން ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް މަންމައަށް ލިބިއްޖެ ކަމަށް މިއަދު މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސްކޮޓްލެންޑުގެ އެޑިންބާގަށް ނިސްބަތްވާ، މިހާރު އުމުރުން 74 އަހަރުގެ ލިޑިއާ ރީޑް، އޭނާ ދަރިފުޅަށް ވީގޮތެއް ހޯދުމަށް މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. ލިޑިއާ މި މަސައްކަތް ފެށީ 1975 ވަނަ އަހަރު މަރުވި ދަރިފުޅުގެ ހަށިގަނޑުގެ އެއްވެސް ބައެއް އެ ކުއްޖާގެ ސަންދޯކުން ނުފެނުމުން ކަމަށް ބީބީސީން ރިޕޯޓް ކޮށްފައި ވެއެވެ.

ވަޅުލިތާގައި ދަރިފުޅު ނެތްކަން ލިޑިއާއަށް ޔަގީންވީ 2017 ވަނަ އަހަރު ސަންދޯއް ކޮނެގެން އަލުން ނަގަން ކޯޓުން ދިން ހުއްދަ އާއި އެކު އެކަން ކުރުމުންނެވެ.

ލިޑިއާގެ ދަރިފުޅު ގެރީ މަރުވީ އުމުރުން އެންމެ ހަފްތާއެއްގައި ރީސަސް ބަލީގައެވެ. އެއީ މަންމައާއި ދަރިފުޅުގެ ލޭގެ ގުރޫޕް ތަފާތުވުމުން، މަންމަގެ ލޭގައި އުފެދޭ އެންޓިބޮޑީތަކުން ކުޑަ ދަރިފުޅުގެ ލޭގެ ސެލްތައް ހަލާކުވާން މެދުވެރިވާ ހާލަތެކެވެ.

ލިޑިއާ ބުނެފައިވަނީ ދަރިފުޅު މަރުވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ދަރިފުޅު ދައްކާލުމަށް ހޮސްޕިޓަލުގެ ކިބައިން އެދުމުން އޭނާއަށް ދައްކާފައިވަނީ އެހެން ކުއްޖެއް ކަމަށެވެ.

އަދި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީވެސް އޭނާގެ ނުރުހުމުގައި ކަމަށްވެސް ލިޑިއާ ބުނެފައި ވެއެވެ.

ލިޑިއާ އަބަދުވެސް ކަންބޮޑުވީ ކަމަކީ ދިރާސާ ކުރުމުގެ ބޭނުމުގައި އޭނާގެ ދަރިފުޅުގެ ގުނަވަންތައް ނަގާފައިވުމެވެ. އަދި އޭނާގެ އެ ބިރު ވަނީ ހަގީގަތަކަށްވެސް ވެފައެވެ. ޓެސްޓުތައް ހެދުމަށްޓަކައި ލިޑިއާގެ ދަރިފުޅުގެ ގުނަވަންތައް ވަނީ ނަގާފައެވެ.

އެޑިންބާގްގެ ރޯޔަލް އިންފާމަރީގައި ރައްކާ ކޮށްފައި ހުރި ލިޑިއާގެ ދަރިފުޅުގެ ގުނަވަންތަކާއި، ހަށިގަނޑުގެ އެކި ބައިތައް އިދާރާތަކުން ވަނީ ލިޑިއާ އާއި ހަވާލުކުރަން ހުއްދަ ދީފައެވެ.

ލިޑިއާ އަކީ ސްކޮޓްލެންޑުގެ ހޮސްޕިޓަލުތަކުން ދިރާސާގެ ބޭނުމަށް ކުޑަކުދިންގެ ހަށިގަނޑުގެ ބައިތައް ގާނޫނާއި ހިލާފަށް ނަގާކަން ފަޅާއެރުވުމަށް ހިންގާ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.

ލިވަޕޫލްގެ ހޮސްޕިޓަލެއްގައި ބަހައްޓާފައިވާ ގުނަވަންތަކެއްގެ ތަހުގީގަށް ފަހު، ސްކޮޓްލެންޑުގެ ނެޝަނަލް ހެލްތް ސާވިސަސް އަށް ވަނީ، އެއީ ފުޅާ ދާއިރާއެއްގައި ކުރާ ކަމެއް ކަމަށް އެއްބަސްވާން މަޖުބޫރުވެފައެވެ.

1970 އިން 2000 ވަނަ އަހަރާއި ހަމައަށް ސްކްޓްލެންޑުގެ ހޮސްޕިޓަލުތަކުގައި 6000 ގުނަވަނާއި، ހަށިގަނޑުގެ އެކި ބައިތައް ބަހައްޓާފައި ހުރިކަން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންގެ ހަށިގަނޑުގެ ބައިތަކެވެ.

އެޑިންބާގްގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި އޮތް ގޮހޮރުގެ ކެންސަރާއި ހަނގުރާމަ ކުރަމުންދާ ލިޑިއާ ބުނެފައިވަނީ އޭނާއަށް މިހާރު ކުރެވޭ އިހުސާސް ބަޔާން ކޮށްދޭން ވަރަށް ދަތި ކަމަށެވެ. ނަމަވެސް އޭނާ މަރުވުމުގެ ކުރިން ދަރިފުޅު ވަޅުލުމުގެ ފުރުސަތު ލިބޭތީ އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.

ލިޑިއާ ބުނެފައިވަނީ ހޮނިހިރު ދުވަހު ދަރިފުޅުގެ ޖަނާޒާ ބޭއްވުމަށް 24 ގަޑި އިރަށް އޭނާ ހޮސްޕިޓަލުން ޑިސްޗާޖް ވާނެ ކަމަށެވެ.