ސްކޮޓްލޭންޑްގެ ގްލާސްގޯގައި މީހަކު ވަޅިން ހަމަލާދީގެން އަމިއްލަ ދަރިފުޅު އަތުން ފޭރެން އުޅެފިއެވެ. މިކަންތައްވެގެން ދިޔައީ އޭނާއަށް އެއީ ދަރިފުޅުކަން ނޭނގިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގްލާސްގޯގެ ކްރޭންހިލްގައި ހުންނަ އޭޓީއެމްއެއްގައި އުމުރުން 45 އަހަރުގެ މީހަކު މޫނު ނިވާކޮށްގެން، ކުޑަ ކުއްޖަކާ ދިމާލަށް ވަޅި އަމާޒުކޮށް، ފައިސާތައް ފޭރިގަންނަން އުޅުނެވެ.

އުމުރުން 17 އަހަރުގެ އެ ފިރިހެން ކުއްޖާ އޭޓީއެމްއަށް ކާޑު ޖަހާލައި ފައިސާ ނެގުމަށްފަހު، ކާޑު ޖީބަށް ލި ތަނާހެން ވާތް ފަޅިއަށް އެނބުރެން އުޅެނިކޮށް ކަރާ ދިމާލަށް އެއްޗެއް ދިއްކުރިކަން އެނގުނެވެ. އަދި އެ މީހާ އޭނާ ފާރާ ދިމާލަށް ގެންގޮސް ވަޅިން ބިރު ދެއްކިއެވެ. އަދި ފައިސާ ދޭން އެންގިއެވެ.

އެކަމަކު އެ އަޑު ޖެހިފައި އެ ކުއްޖާއަށް އެއީ އޭނާގެ ބައްޕަގެ އަޑުކަން ޝައްކު ކުރެވުނެވެ.

އޭނާ އެ މީހާ ގާތުން އަހާލިއެވެ. "ސީރިއަސްތަ؟ މިއީ ކާކުކަން އެނގޭތަ؟". ހަމަލާދޭން އުޅުނު މީހާ އެކަމަށް ފަރުވާލެއް ނެތް ކަމަށް ބުނުމުން އެ ކުއްޖާ ވަނީ އޭނާ މޫނު ފޮރުވަން އަޅާފައިވާ ފޮތިކޮޅު ތިރިކޮށްލައިފައެވެ.

ފުލުހުންނަށް އެންގުމުގެ ކުރިން އެ ކުއްޖާ އަވަސް އަވަހަށް އެތަނުން ފިލައިގެން ގޮސް އާއިލާގެ މީހުންނަށް އެކަން ކިޔައިދިނެވެ. އޭގެ ފަހުން ފޭރެން އުޅުނު މީހާ ހައްޔަރުކުރިއިރު، އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އޭނާ ބުނިގޮތުގައި ދަރިފުޅުގެ އަތުން ފޭރެން އުޅުނީ ނޭނގިއެވެ.

އެ މައްސަލައިގައި އޭނާ ދެ އަހަރާ ދެ މަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.