ސްކޮޓްލޭންޑްގެ ކުރީގެ އިސް މިނިސްޓަރު ނުވަތަ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓާގަން ހައްޔަރުކޮށްފިއެވެ.

2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާޗް 23 ވަނަ ދުވަހާއި ހަމައަށް ސްކޮޓްލޭންޑް ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުރި ނިކޮލާ ހައްޔަރުކުރީ ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ފަންޑާއި މާލީ ކަންކަމާއި ގުޅޭ މައްސަލައެއްގައެވެ.

އުމުރުން 52 އަހަރުގެ ނިކޮލާ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައި ވަނީ ފުލުހުން ތަހްގީގު ކުރަމުން ގެންދާ މާލީ މައްސަލައަކާއި ގުޅިގެން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ނިކޮލާއަކީ ސްކޮޓިޝް ޕާޓީއަށް ލިބުނު ފަންޑް ބޭނުން ކުރި ގޮތާއި ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކުގެ ތަހްގީގަށް ހައްޔަރު ކުރި ތިންވަނަ މީހާއެވެ. ނިކޮލާގެ ފިރިމީހާ އަދި ކުރިން ޕާޓީގެ ޗީފް އެގްޒެކެޓިވް ޕީޓާ މުރެލް ވެސް މިމައްސަލައިގައި މިދިޔަ އޭޕްރީލް މަހު ހައްޔަރު ކުރިއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ ގާތްގަނޑަކަށް ހަލައްކަ ޕައުންޑު ގާނޫނާއި ހިލާފަށް ބޭނުން ކުރި ކަމުގެ ތުހުމަތެވެ. ނަމަވެސް އޭނާ ބަންދުގައި ބެހެއްޓުމަށްފަހު ވަނީ ދައުވާއެއް ނުކޮށް ދޫކޮށްލާފައެވެ. ޕީޓާ ބަންދުން ދޫކޮށްލި ނަމަވެސް ތަހްގީގު ނުނިމޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕާޓީގެ ޓްރެޒަރާ ކޮލިން ބެޓީ ވެސް ހައްޔަރު ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް ވެސް އަދި ދައުވާއެއް ނުކުރެއެވެ.

ނިކޮލާ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދި އޭނާގެ ވަކީލުން މީޑިއާގައި އެއްވެސް އެއްޗެއް ނުބުނެއެވެ.