ބޮއިން ކުންފުނީގެ 737 މަރުކާގެ ފްލައިޓެއް ކުއްލި ހާލަތެއް ދިމާވެގެން ހަވާއީގެ އައްސޭރިފަށުން ކަނޑަށް ޖައްސައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަނޑަށް ޖެއްސީ ކާގޯ ފްލައިޓެކެވެ.

ފްލައިޓަށް ކުއްލި ހާލަތެއް ދިމާވިއިރު ފްލައިޓްގައި ތިބީ ދެޕައިލެޓުން އެކަންޏެވެ. ދެމީހުން ވެސް ވަނީ ސަލާމަތް ކޮށްފައެވެ.

ފްލައިޓް ކަނޑަށް ޖެއްސުމުގެ ކުރިން އެއާޓްރެފިކް ކޮންޓްރޯލަށް ޕައިލެންޓުން މައުލޫމާތު ދިން ގޮތުގައި ފްލައިޓްގެ ދެއިންޖީން ވެސް ވަނީ ފެއިލް ވެފައެވެ. ދެއިންޖީން ފެއިލްވުމާއި އެކު ފްލައިޓް ވެއްޓެމުންދާ ކަމަށް ޕައިލެޓުން ބުންޏެވެ. "ހޮނުލުލޫގެ އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރި ނަމަވެސް އެއާޕޯޓާއި ހަމައަށް ދަތުރު ނުކުރެވުމުން ފްލައިޓް ވަނީ ކަނޑަށް ޖައްސާފައި." ފެޑްރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އެފްއޭއޭ އިންނާއި ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން މައްސަލަ އިތުރަށް ތަހްގީގު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި،" ބަޔާނުގައި ބުނެފައި ވެއެވެ.

މިހާތަނަށް ލިިބިފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި ފްލައިޓްގެ އިންޖީން ފެއިލް ވުމުގެ ސަބަބުން ފްލައިޓްގެ ސްޕީޑް ކޮންޓްރޯލް ކުރަން ދަތިތަކެއް ދިމާވިއެވެ. ނަމަވެސް އިންޖީން ފެއިލްވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކުއްލި ހާލަތުގައި ކަނޑަށް ޖައްސަން ޖެހުނީ ޓްރާންސްއެއާގެ ފްލައިޓެކެވެ. އެއީ 1982 ވަނަ އަހަރުން ފެށިގެން ކާގޯ ހިދުމަތް ދެމުން އަންނަ އެއާލައިނެކެވެ. އިންޖީން ފެއިލްވި ފްލައިޓަކީ 1975 ވަނަ އަހަރު އުފައްދާފައިވާ ފްލައިޓެކެވެ. މިފްލައިޓްގެ އެއާވޯތިނެސް ސެޓްފިކެޓް އެންމެ ފަހުން އާކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެސެޓްފިކެޓްގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު އެވެ.

މިއެކްސިޑެންޓާއި ގުޅިގެން ޓްރާންސްއެއާ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ބޮއިން ކުންފުނިން ބުނީ އެކުންފުނިން އުފައްދާފައިވާ ފްލައިޓަކަށް މައްސަލައެއް ދިމާވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މައްސަލަ ތަހްގީގު ކުރަމުން ގެންދާނެ ކަމަށެވެ.