ފާއިތުވި އަހަރުތަކުގައި ތުރުކީވިލާތުން ހަނގުރާމައިގައި ކުޑަކުދިން ބައިވެރިކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ހަނގުރާމަތަކުގައި ކުޑަކުދިން ބައިވެރިކުރަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން ވަނީ ތުރުކީވިލާތް ހިމަނާފައެވެ. ނޭޓޯއަށް ނިސްބަތްވާ ގައުމެއް މި ލިސްޓުގައި ހިމެނުނު މިއީ ފުރަތަަމަ ފަހަރެެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ތައްޔާރު ކޮށްފައިވާ 2021 ޓުރެފިކިން އިން ޕާސަންސް (ޓީއައިޕީ) ރިޕޯޓުގައި ބުނެފައިވަނީ ސީރިޔާއާ އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ސުލްތާން މުރާދަށް ތުރުކީއިން ވާގިވެރިވާާ ކަމަށެވެ. އެ ޖަމާއަތަކީ ހަނގުރާމަތަކުގައި އެކި ގޮތްގޮތުން ކުޑަކުދިން ބައިވެރިކުރަމުން އަންނަ ގައުމެއް ކަމަށް އެމެރިކާއިން ބުނެއެވެ. އޭގެ އިތުރުން ލީބިޔާގައި ވެސް ހަނގުރާމަވެރިންގެ ގޮތުގައި ކުޑަކުދިން ބޭނުންކުރަމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ތުރުކީވިލާތުން ވަނީ ސީރިޔާގައި އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތަކާއި އެމެރިކާއިން ވާގިވެރިވާ ކުރުދީންނާ ދެކޮޅަށް އަސްކަރީ ތިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ވިލާތުގެ އަމިއްލަ އަސްކަރީ ފައުޖުތަކުގެ އިތުރުން ސީރިޔާގެ ހަތިޔާރުއެޅި އެކި ޖަމާއަތްތަކުގެ ހަނގުރާމަވެރިންވެސް ތުރުކީވިލާތުންދޭ ހަމަލާތަކުގައި ދަނީ ބައިވެރިކުރަމުންނެވެ. އެފަދަ ބައެއް ޖަމާއަތްތަކަކީ ސަބަބެއްނެތި އާންމުންނަށް ހަމަލާދިނުމާއި، ފޭރުމާއި، ރަހީނުކުރުން ފަދަ އަަމަލުތައް ކުރާ ޖަމާއަތްތަކެއްކަމަށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ ޖަމުއިއްޔާތަކާއި އދ. ން ތުހުމަތުކުރެއެވެ.

އެމެރިކާގެ ކުޑަކުދިން ހަނގުރާމަތަކުގައި ބައިވެރިކުރާ ގައުމުތަކުގެ ލިސްޓުގައި ހިމަނާ ގައުމުތަކަށް ސަލާމަތީ އެހީތެރިކަން ދިނުމުގައި އަދި އަސްކަރީ ސާމާނަށް ވިޔަފާރި ލައިސެންސު ހޯދުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. އެފަދަ ކަންކަމުގައި އެގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އެ ދަތިތައް ތުރުކީވިލާތާ ދެކޮޅަށް ތަންފީޒު ކޮށްފައިވާކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުވެތިކަން

    އެމެރިކާގެ ޕުރޮޕެގެންޑާ. ޕާކިސްތާނާއި ޓުރުކީން އެމެރިކާ ބޭނުން ވާހާ ކަމަކަށް އާބަސް ނުބުނެގެން ބާރު ދައްކާލަނީ. އެކަމަކު އެދެ ގައުމުގެ ވެރިން ތިބީކީ އެމެރިކާ ޕަޕެޓުންނަށް ވާކަށެއްނޫން. ބަލަން ތިބޭ ކޮނަ ބައެއްތޯ ގަދަވަނީ!