ތާލިބާނުން އަފްޣާނިސްތާނަށް ދެމުން އަންނަ ހަމަލާތައް މަދުކުރުމަށް ޕާކިސްތާނުން ބާރު އަޅައި ދިނުމަށްޓަކައި މަސައްކަތް ކުރުމަށް އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުން އެދިއްޖެެއެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުން ނެރުނު ރިޕޯޓެއްގައި ޕާކިސްތާނުގައި ތިބި ތާލިބާނުގެ މީހުން މެދުވެރިކޮށް އަފްޣާނިސްތާނަށް ދެމުން ގެންދާ ހަމަލާތައް މަދުކުރުމަށް ތާލިބާނުގެ އަސްކަރީ ފައުޖުތަކަށް ބާރުއެޅުމަށް ގޮވާލައިފައިވެއެވެ.

އޭގެ އިތުރުން ޕާކިސްތާނުން ކާބުލްގެ ސަރުކާރަށް އިތުބާރު ކުރުމަށް ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުން އެގޮތަށް އެދިފައިވަނީ އެމެރިކާ އާއި ނޭޓޯގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބަމުންދާ އަދި އަފްޣާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން ފެށުމުުން ތާލިބާނުން ވަނީ އުފާ ފާޅުކޮށްފައެވެ. އެ ގައުމުން އަފްޣާނިސްތާނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް، ގިނަ ސަރަހައްދުތަކެއް ވަނީ ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ތާލިބާނުގެ ނުފޫޒު އެތައް ގުނައަކަށް އިތުރުވެގެން ދާނެކަމަށް ލަފާކޮށްފައިވެއެވެ.

އަފްޣާނިސްތާނުގެ ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ޕާކިސްތާނުން ވަނީ ތާއިދު ކޮށްފައެވެ. އަދި އެއީ ތާލިބާނާއެކު ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތުގެ ބޭނުން ހިފުމަށް ކޮށްފައިވާ ކަމެއް ކަމަށް ކްރައިސިސް ގުރޫޕުން ތުހުމަތު ކުރެއެވެ.

އެމެރިކާ އާއި ނޭޓޯގެ ބާކީ ތިބި އަސްކަރީ ފައުޖުތައް ސެޕްޓެމްބަރު މަހުގެ 11 ކުރިން އަފްޣާނިސްތާނުން ބާލާނެއެވެ. ބޭރުގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރަންކަމަށް ބުނެ އެގައުމުގެ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ހަތިޔާރު ނަގަން ފަށައިފައެވެ. އާންމުންނާއި ދެކޮޅަށް ހަމަލާދޭ ނަމަ އަދި އަންހެނުންނާއި ކުޑަކުދިންނަށް ތާލިބާނުގެ ޖަމާއަތުން އަނިޔާވެރިވާނަމަ އާންމުން ހަމަލާދޭން ފަށާނެކަމަށް ބުނެފައިވެއެވެ. މިހެން ކަންތައް ވެއްޖެނަމަ އަފްޣާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.