ހައްޖުވެރިންގެ މަައުުލޫމާތުތައް ބެލެހެއްޓުމަށް ހާއްސަ ސްމާޓް ކާޑެއް ސައުދީ އަރަބިއްޔާ އިން ތައާރަފް ކޮށްފިއެވެ.

ހައްޖުވެރިންނަށް ހާއްސަކޮށް ސައުދީން ތައާރަފް ކޮށްފައިވާ ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ. މި އަހަރު އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ އިރު، އަންނަ އަހަރުގެ ހައްޖާ ހިސާބަށް މި ކާޑުތަކުގެ ބޭނުން ކުރެވޭނެ ކަމަށް ސައުުދީގެ އިދާރާތަކުން ބުންޏެވެ.

މި ސްމާޓް ކާޑަކީ 2019 ވަނަ އަހަރުގެ ހައްޖުގައި 50،000 ކާޑު ބަހައިގެން ޓެސްޓުކުރުމުގެ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާ އެއްޗެކެވެ. މިނިސްޓްރީ އޮފް ހައްޖާއި އުމްރާއިން ވަނީ ސްމާޓް ކާޑު ލޯންޗް ކުރުމުގެ ފުރަތަމަ މަރުުހަލާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުރިހަމަ ކޮށްފައެވެ.

ސައުދީން ބުނެފައިވަނީ އެ ކާޑު ބޭނުންކޮށްގެން ހައްޖުވެރިންގެ މައުލޫމާތު ބެލެހެއްޓުމުގެ އިތުރުން ހައްޖުވެރިން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކުރާ ދަތުރުތަކާއި އެމީހުން ބޭނުންކުރާ ހޮޓާ ތަކުގެ މައުލޫމާތު ކާޑު މެދުވެރިކޮށް ބެލޭނެ ކަމަށެވެ. އަދި ހައްޖުގެ އަޅުކަމުގައި އުޅެނިކޮށް ހައްޖާޖީއެއް ގެއްލިއްޖެނަމަ ކާޑު މެދުވެރިކޮށް އެމީހަކު ފަސޭހައިން ހޯދޭނެ ކަމަށް ބުނެފައިވެއެވެ. ހަމަ އެހެންމެ ކާޑު މެދުވެރިކޮށް ހައްޖާޖީންގެ ސިއްހީ ހާލަތުގެ މައުލޫމާތު ވެސް ބެލެން ހުންނާނެ ކަމަށް އެގައުމުން ބުނެއެވެ.

ހައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބަލާނެކަމަށް ސައުދީން ބުނެއެވެ. އެގޮތުން ހައްޖުވެރިންނަށް ފޯރުކޮށްދޭ ކާނާ އަކީ ރަނގަޅު ފެންވަރުގެ ކާނާއަށް ވާނެ ކަމަށާއި ހައްޖުވެރިންގެ ސިއްހީ ހާލަތު ގާތުން ބެލުމުގެ ގޮތުން ބައެއް ސަރަހައްދު ތަކުގައި ސިއްހީ މަރުކަޒުތައް ގާއިމްކުރަން ނިންމާފައިވާ ކަމަށް ސައުދީން ބުންޏެވެ.