އޮސްޓްރޭލިއާގައި މިއަހަރު ކޮވިޑް-19 ބަލީގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގައި ކޮވިޑް ޖެހިގެން މީހަކު މަރުވި އިރު، ނިއު ސައުތު ވޭލްސްގައި ޑެލްޓާ ވޭރިއަންޓް ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ.

މިއަދު އެގައުމުގެ އޮފިޝަލުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ މި އަހަރު ފުރަތަމަ ކޮވިޑް ބަލީގައި މަރުވީ 90 ގެ އަހަރުތައް ގުނަމުންދާ އަންހެނެއް ކަމަށެވެ. އަދި ނިއު ސައުތު ވޭލްސްއިން 77 މީހަކު ކޮވިޑަށް ފައްސިވެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މިއީ ރިކޯޑެެވެ. މިދިޔަ ހޮނިހިރުު ދުވަހު ވެސް 55 މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވެެއެވެ.

މިއަދު ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާ މީހުންގެ ތެރެއިން 33 މީހުން ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ގޮސްފައެވެ. އެހެން ކަމުން މުޖުތަމައުުގެ ތެރެއިން ބަލި ފެތުރި ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ބަޔަކު ކޮވިޑަށް ފައްސިވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިހާރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންގެންދާ އިރު، ފަސް މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިއަރަމުން އަންނަ އެހެން ގައުމުތަކާ އަޅާ ކިޔާއިރު، އޮސްޓްރޭލިއާގައި ކޮވިޑް ހާލަތު ރަނގަޅެވެ. މިހާތަނަށް އެގައުމުން ބަލި ޖެހިފައިވަނީ 31,000 މީހުންނަށެވެ. އަދި ބަލީގައި މަރުވެފައިވަނީ 911 މީހުންނެވެ.

މިހާތަނަށް އޮސްޓްރޭލިއާގައި 8.71 މިލިއަން ޑޯޯޒް ވެކްސިން ދީފައިވާއިރު، އޭގެ ތެރެއިން 2.1 މިލިއަން މީހުން ވަނީ ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ އެގައުުމުގެ އާބާދީގެ 8.3 އިންސައްތައެވެ.