ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ ހައްޔަރު ކުރުމާއި ގުޅިގެން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ މުޒާހަރާކޮށް، ހަމަނުޖެހުން ހިންގަން ފަށައިފިއެވެ.

މި އެއްވުންތަކާއި ހަމަނުޖެހުންތައް ހިންގަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހު ފުލުހުންގެ އަމުރަށް ތަބާވެ 15 މަހުގެ ޖަލު ހުކުމަކަށް ދިޔުމަށް ޒޫމާ އަމާންދިން ހިސާބުންނެވެ. ދެކުނު އެފްރިކާގެ ދުސްތޫރީ ކޯޓުން މިދިޔަ މަހުގެ 29 ގައި ޒޫމާ 15 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް މައުލޫމާތު ދެއްވަން ވަޑައިގަތުމަށް ޒޫމާ ވަނީ އިންކާރު ކުރެއްވުމުންނެވެ.

މީސް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ އިމާރާތްތަކާއި އެއްގަމު އުޅަނދުތަކަށް ގެއްލުންދީފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އުޅަނދުތަކުގައި ރޯކޮށް، ފިހާރަތައް ލޫޓުވާފައެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއްނެތި ގިނަ ބަޔަކު އެއްވެ، ހަމަނުޖެހުން ހިންގުމުގެ ސަބަބުން މިހާތަނަށް 60 މީހުން ހައްޔަރު ކޮށްފައިވެއެވެ. އަދި މި ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ޒޫމާ، 79، ގެ މައްޗަށް ކުރެވެނީ ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތެވެ. އޭގެ ތެރޭގައި ވެރިކަމުގައި ހުންނެވި ދުވަސްވަރާއި ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކޮށްފައިވާ ހިޔާނާތުގެ އަމަލުތަކުގެ މައްސަލަ ތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 1999 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުއާމާލަތެއްގެ ތަހްގީގުވެސް އަންނަނީ ކުރަމުންނެވެ. އެ ދުވަސްވަރު ޒޫމާ ހުންނެވީ ނައިބު ރައީސްގެ މަގާމުގައެވެ.

އޭގެ އިތުރުން 2009-2018 ވަނަ އަހަރުތެރޭގައި ޒޫމާ ވެރިކަމުގައި ހުންނެވި އިރު އިންޑިޔާގެ ގުޕުތާގެ އާއިލާއަކާއި ގުޅިގެން ހިންގެވި ހިޔާނާތުގެ އަމަލުތަކެއްގެ މައްޗަށް ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގުވެސް ކުރިޔަށް ދެއެވެ.

އެ ހުރިހާ ތުހުމަތުތަކަކަށް ޒޫމާ ވަނީ އިންކާރު ކުއްވާފައެވެ.