ޓައިވާނަށް ދެ ގަޑިއިރުގެ ތެރޭގައި އައި 22 ބިންހެލުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެއެވެ.

ޓައިވާނުގެ ދެކުނު އުތުރު ހުއާލިއަން ސިޓީ ސަރަހައްދަށް ބިންހެލުންތައް އައީ މިއަދު ހެނދުނުގެ ވަގުތުގައެވެ. ޓައިވާންގެ ސެންޓްރަލް ވެދާ ބިއުރޯ އިން ބުނީ ހެނދުނު 6:52 އިން ފެށިގެން ދެ ގަޑިއިރުވަންދެން އެ ސަރަހައްދަށް 22 ބިންހެލުން އައިސްފައިވާ ކަމަށެވެ.

ފުރަތަމަ އައި ބިންހެލުމުގައި 5.2 މެގްނިޓިއުޑްގެ ހުރިއިރު އެއީ 5.9 ކިލޯމީޓަރު އަޑިން އައި ބެންހެލުމެކެވެ. ދެން އައިސްފައިވަނީ 3.0 މެގްނިޓިއުޑް އަދި 5.0 މެގްނިޓިއުޑްގެ ބިންހެލުންތައް ކަމަށް ސެންޓްރަލް ވެދާ ބިއުރޯ އިން ބުނެއެވެ.

ޓައިވާންގެ އެޕަލް ޑެއިލީ ނިޔުސް ވެބްސައިޓުގައި ހިއްސާކޮށްފައިވާ ފޮޓޯއެއްގައި އިމާރާތެއްގެ ދެވަނަ ބުރީގެ ފާރެއް ބިންމައްޗަށް ވެއްޓިފައިވާ ތަން ފެނެއެވެ.

ބިންހެލުން އައި ސަރަހައްދުގެ އެކި އިމާރާތްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވިކަމަށް ރިޕޯޓުކޮށްފައި ނުވެއެވެ. ޓައިވާނަށް ބިންހެލުންތައް އައުމަކީ އާންމުކަމަކަށްވާއިރު 1999 ވަނަ އަހަރު ޓައިވާނަށް 7.6 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސް 5000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެ ބިންހެލުމާ ގުޅިގެން ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.

ޓައިވާން ހިމެނޭ "ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ސަރަހައްދަކީ ވަރަށް ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ހިސާބެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.