ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން އުމުރުން ތިން އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ދިނުމުގެ ހުއްދަ ޗައިނާ ސަރުކާރުން މިއަދު ދީފިއެވެ. މިހާތަނަށް ސިނޮފާމް ވެކްސިން ދެމުން އައީ 18 އަހަރުން މަތީގެ މީހުންނަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ސިނޮފާމް ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ހުއްދަ ދީފައި ވަނީ ކުޑަކުދިންނަށް ވެކްސިން ދީގެން ކުރިއަށް ގެންދިޔަ ތަހްލީލްތައް ނިމުމުންނެވެ. ސިނޮފާމް ވެކްސިން ކުޑަކުދިންނަށް ދީގެން ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް ތަހްލީލްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އަދި ކުޑަކުދިންނަށް ދެމުން އަންނަނީ ވަރަށް މަދު ވެކްސިނެކެވެ. ބަލި ކޮންޓްރޯލް ކުރަން ނުވަތަ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުޑަކުދިންނަށް ވެކްސިން ދެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ޗައިނާ އަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައިވާ ގައުމެވެ. އަދި އެންމެ ގިނަ ގައުމުތަކަށް ވެކްސިން މިހާތަނަށް ހަދިޔާ ކޮށްފައި ވަނީ ވެސް ޗައިނާ އިންނެވެ. މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޗައިނާ އިން ވަނީ 1.4 ބިލިއަން ޑޯޒްގެ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދީފައެވެ.

ޗައިނާ އިން މަސައްކަތް ކުރަމުން އަންނަނީ އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް މިއަހަރުގެ ނިޔަލަށް ވެކްސިންދީ ނިންމުމަށް ފަހު ޗައިނާ ރައްޔިތުންނަށް އާއްމު އުސޫލުން ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށެވެ.

މިހާތަނަށް ވެސް ކޮވިޑް އެންމެ ފުރިހަމައަށް ކޮންޓްރޯލް ކޮށްފައި ވަނީ ޗައިނާ އިންނެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް ޗައިނާގައި ކޮވިޑް ކޮންޓްރޯލުން ނައްޓާލައިގެން ނުދެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ޗައިނާގެ ބައެއް ސަރަހައްދުތަކުން މަދުމަދުން ކޮވިޑަށް މީހުން އަންނަނީ ފައްސިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު