ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ. ކޮންމެ އަހަރެއްގެ ވެސް އަރަފާތު ދުވަހަށް ހާއްސަކޮށް ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލު ކުރެއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފައި ވަނީ ރަސްގެފާން އަބްދުލް އަޒީޒް ކޮމްޕްލެކްސްގެ ޖެނެރަލް އެޑްމިނިސްޓްރޭޝަންގައި ހިމެނޭ ހާއްސަ ޓީމަކުންނެވެ. ކޮންމެ އަހަރަކު ވެސް ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތް ކުރަނީ އެޓީމުންނެވެ.

އުރަކޮޅު ބަދަލު ކުރުމުގައި ކޮންމެ ފަރާތަކުން ވަކިން ފޮތިގަނޑު ފާރުގެ މައްޗަށް އުފުލާ ފޮތިގަނޑުގެ މަތީކައިރި ހަރުކުރުމަށްފަހު އަނެއްކޮޅު ތިރިއަށް ވައްޓާލަނީއެވެ. އެއާ އެކުއެކީގައި ކުރިން ހަރުކޮށްފައި ހުރި އުރަކޮޅުގެ ބައިތައް މަތިން މޮހެލުމަށްފަހު ތިރިއަށް ވައްޓާލައެވެ.

ހަތަރުފަރާތުން އުރަކޮޅުގެ ބައިތައް ތިރިއަށް ވައްޓާލެވުމުން ފޮތީގަނޑުގެ ކައިރި، މަތިން ތިރިއަށް އެއް ފޮތިގަނޑު އަނެއް ފޮތިގަނޑާ ފަހައިގެން ގުޅުވައެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ މޮޅު ފަށުވި އާއި 120 ކިލޯގެ ރަން ބަރަންޏާއި، 100 ކިލޯގެ ރިހި ބަރަނި ބޭނުން ކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެއެވެ. ގެފުޅުގެ އުރަކޮޅު ފެހުމުގައި 200 ވަރަކަށް މީހުން ބައިވެރިވެއެވެ.

1926 ވަނަ އަހަރު ރަސްގެފާން އަބްދުލްއަޒީޒް ކޮމްލެކްސްގެ އިން ގެފުޅުގެ އުރަކޮޅު ފަހަން ފެށުމުގެ ކުރިން ގެފުޅުގެ އުރަކޮޅު ހަދިޔާ ކުރަމުން ގެންދިޔައީ އެކި ގައުމުތަކުންނެވެ. އެންމެ ގިނައިން ގެފުޅުގެ އުރަކޮޅު ސައުދީ އަރަބިއްޔާ އަށް ފޮނުވި އެއްގައުމަކީ މިސްރެވެ. ނަމަވެސް 1926 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު ވެސް ގެފުޅުގެ އުރަކޮޅު ތައްޔާރުކުރަނީ ސައުދީ އަރަބިއްޔާ އިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދީފައި ވަނީ 60000 މީހުންނަށެވެ. މިއީ ކޮވިޑާއި ގުޅިގެން ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދިން މީހުންގެ އަދަދު މަދުކުރި ދެވަނަ އަހަރެވެ. މިއަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދީފައި ވަނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށެވެ.