އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރުގައި ތާލިބާނުން ހިމެނުމަށް ޕާކިސްތާނުން އަމާޒު ހިފާފައިވާ ކަމަށް ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތު އޭޝިއަން ސްޓަޑީސް (އީއެފްއެސްއޭއެސް) އިން ތުހުމަތުކޮށްފިއެވެ.

އީއެފްއެސްއޭއެސް އިން ހެދި ދިރާސާއެއްގައި ބުނެފައި ވަނީ އަފްޣާނުން އެމެރިކާ އަދި ނޭޓޯ ސިފައިން ފޭބުމާ އެކު، އިތުރު އާ ނުރައްކަލެއް އަފްޣާނިސްތާނަށް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ. އަދި އަފްޣާނުން ސިފައިން ފޭބުމާ އެކު، ސަރަހައްދީ ގައުމުތަކުން އެކި ގޮތް ގޮތުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

އެ ކަރުދާހުގައިވާ ގޮތުން ޕާކިސްތާންގެ އަމާޒަކީ އަފްޣާންގެ ވަގުތީ ސަރުކާރުގައި ތާލިބާނުން ހިމެނުމެވެ. އޭގައިވާ ގޮތުން، ޕާކިސްތާނުން ބޭނުން ވަނީ އަފްޣާންގައި ބާރު ހިންގާށެވެ. ތާލިބާނުން އަފްޣާނަށް އަތްގަދަ ކުރުވަން ޕާކިސްތާނުން ބޭނުން ވަނީ އެ ގައުމަށް ބާރު ފޯރުވޭނެތީއެވެ.

ޕްރޮފެސަ މައިކަލް ބްލޭކް ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ގުޅިގެން ދިމާވާނެ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ އިން ކަމަށެވެ. މިއާއެކު، އިންސަނިއްޔާތާ ހިލާފު އެތައް ކަމެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިކަން ހުއްޓުވަން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަފްޢާނިސްތާނުގެ ސަރަހައްދުގެ %85 ވަނީ ތާލިބާނުންގެ އަތް ދަށުގައެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރާއެކު ލިޔެކިޔުމުން ސުލްހަވެރި އެއްބަސްވުމެއް ގާއިމްކުރަން އުޅޭ ކަމަށް ތާލިބާނުން ވަނީ ބުނެފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތާލިބާނުން ވަނީ ސުލްހައިގެ ވާހަކަތައް ދެކެވޭކަން ޔަގީންކޮށްދީފައެވެ. އަދި އެމީހުންގެ ބާރުގެ ދަށުގައި އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ހުރިކަމުގައި ނަމަވެސް ސުލްހަވެރި އެއްބަސްވުމެއް ގާއިމްކުރުމަށް ތައްޔާރަށް އޮތް ކަން އެ މީހުން ވަނީ ހާމަކޮށްފައެވެ.

ހުޅަނގުގެ ސެކިއުރިޓީ އޮފިޝަލުން ބުނަނީ އަފްޣާނިސްތާނުގެ 100 އަށް ވުރެ ގިނަ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުން އަންނަނީ ތާލިބާނުން ކަމަށެވެ. ނަމަވެސް ތާލިބާނުން ދީފައިވާ މައުލޫމާތަށް ބަލާއިރު އެމީހުންގެ ބާރުގެ ދަށުގައި އަފްޣާންގެ 200 ސަރަަހައްދެއް އެބައޮތެވެ. ތާލިބާނުން އަފްޣާނިސްތާނުގެ އުތުރުގައި މިހާރު ކޭމްޕް ޖަހާފައިވާއިރު، އެ ސަރަހައްދުގެ މުހިންމު ގިނަ ޑިސްޓްރިކްޓުތަކެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ރިޕޯޓުތައް ބުނެއެެވެ. އަދި އޭގެ ތެރެއިން ބައެއް ޑިސްޓްރިކްޓްތަކަކީ ހަނގުރާމައަކާއި ނުލައި ތާލިބާނުންގެ އަަތްދަށަށް ގެނައި ސަރަހައްދުތަކެއް ކަމަށް ބުނެއެވެ.