ޕާކިސްތާނުގައި ކުރިޔަށް އޮތް އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕާޓީ އަށް ތާއީދު ނުކުރުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އެ ގައުމުގެ ރައްޔިތުން ކައިރިން އެދިވަޑައިގެންފިއެވެ.

ޕާކިސްތާން މުސްލިމް ލީގް ޕާޓީން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ނަވާޒް ޝަރީފް ވިދާޅުވީ ވޯޓަކުން ވައްކަންކޮށްފި ނަމަ އެ ވައްކަން ކުރެވެނީ ރައްޔިތުންގެ ހުރިހާ އެއްޗަކުން ކަމަށެވެ. އެގޮތުން ދަރިންގެ ތައުލީމަށް ދައްކާ ފީ، އެކުދިންނަށް ކުރާ ހަރަދު، ވަޒީފާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ޕާކިސްތާނުގައި ތަކެތީގެ އަގު އުފުލިފައިވާ މައްސަލަ އަށްވެސް ނަވާޒް ޝަރީފް ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން އޭނާ ވަނީ ހަކުރާއި ފުށް އަދި ބޭހުން ވައްކަންކުރާ ބަޔަކަށް ވޯޓު ނުދިނުމަށް ގޮވާލައްވައިފައެވެ. އަދި މިފަހަރު އީދުގައި އެތައް ބަޔަކު ދަތި ދިރިއުޅުމެއްގައި އުޅެން ޖެހުނުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޕާކިސްތާނުގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ހާން އެފަހަރު އިންތިހާބު މީގެކުރިން ކާމިޔާބު ކުރެއްވީ ވޯޓު އޮޅުވާލައިގެން ކަމަށް ނަވާޒް ޝަރީފް ވަނީ ތުހުމަތު ކުރައްވއަިފައެވެ.

ނަވާޒް ޝަރީފް ވިދާޅުވީ އިމްރާން ހާން ވެރިކަމަށް ގެނައުމަށް އެ ގައުމުގެ ސިފައިންނާއި އިންޓެލިޖެންސް ވެސް މަސައްކަތް ކޮށްފައިވާކަމަށެވެ.

ޕާކިސްތާނުގެ ކަޝްމީރް ހިމެނޭ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ވާދަވެރިކަން އިތުރުވެފައި މިވަނީ މިހާރުގެ ސަރުކާރާއި ދެކޮޅަށް ނަވާޒް ޝަރީފް ނުކުމެވަޑައިގަތުމުންނެވެ. އިމްރާން ހާންގެ ސަރުކާރުން ޕާކިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ވަސީލަތްތައްވެސް އަތްނުފޯރާ ހިސާބަށް މައްޗަށް ގެންގޮސް ރައްޔިތުން ހާލުގައި ޖައްސާފައިވާކަމުގެ ތުހުމަތުތައް މިހާރުވެސް ވަނީ ސަރުކާރަށް އަޅުވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު