ހިލަގަނޑެއްގެ އަގު 1.5 ބިލިއަން ރުފިޔާ އަށް އަރައޭ ބުނުމުން އެއީ ހައިރާންވާންޖެހޭ ކަމެކެވެ. ސަބަބަކީ ހިލައަކީ ދުނިޔޭގައި އެހާ ގިނައިން ހުރި އަދި އެންމެންނަށްވެސް ފަސޭހައިން ލިބޭ އެއްޗަކަށް ވާތީ އެވެ. ނަމަވެސް މި ހިލަގަނޑު އެހެން ހިލަތަކާއި ތަފާތުވެފައި މިއީ ވަރަށް ހާއްސަ ހިލައެއްކަން ފާހަގަ ކޮށްލަމެވެ.

ސްރީލަންކާގެ ރަތްނަޕޫރާ އަވަށަކީ ޖަވާހިރު އެ ސަރަހައްދުން ގިނައިން ފެންނަ ހިސާބެކެވެ. މި އަގުބޮޑު ޖަވާހިރު ހިލަގަނޑުވެސް ފެނިފައި ވަނީ މި ސަރަހައްދުންނެވެ. ޖަވާހިރު ވިއްކާ ފަރާތަކުން ބުނީ މި ހިލަގަނޑު ފެނިފައި ވަނީ ލަންކާގެ ރަތްނަފޫރާ އަވަށުގައި ދިރިއުޅޭ މީހެއް އޭނާގެ ގޭގައި ވަޅެއް ކޮނުމުގެ ތެރޭގައި އެވެ.

ނޫކުލައިގެ ޖަވާހިރު ހިމެނޭ މި ހިލަ ދިރާސާކުރި ތަޖުރިބާކާރަކު މީޑިޔާ އަށް މައުލޫމާތު ދެމުން ބުނީ މި ހިލަގަނޑުގެ އަގު މާކެޓްތަކުގައި 1.5 ބިލިއަން ރުފިޔާއަށް އަރާނޭ ކަމަށެވެ.

އަގުބޮޑު މި ހިލަގަނޑުގެ ބަރުދަނުގައި 510 ކިލޯ ހުރިއިރު މީގައި 2.5 މިލިއަން ކެރެޓް ޖަވާހިރު ހިމެނެއެވެ. މި ހިލަގަނޑު ފެނުނު މީހާ ބީބީސީ އަށް މައުލޫމާތު ދެމުން ބުނީ ކޮނުމުގެ ތެރޭގައި އާދަޔާ ހިލާފު ހިލަގަނޑެއް ފެނުމުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އޭނާގެ ނަން އަދި ފޮޓޯއެއްވެސް މީޑިޔާގައި ހާމަނުކުރެއެވެ.

ހިލަގަނޑު ސާފުކުރުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު ލަންކާ އިން މިފަދަ އެތައް އަގުހުރި ޖަވާހިރު ހިމެނޭ ހިލަ ފެނެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި ފާއިތުވި އަހަރުގައި އެކަނިވެސް ލަންކާއިން ބައި ބިލިއަން ޑޮލަރުގެ އަގުހުރި މިފަދަ ހިލަ ބޭރުކޮށްފައި ވެއެވެ.

ލަންކާއިން ފެނިފައިވާ އަގުބޮޑު ހިލަތައް
ފޮޓޯ: ގޫގުލް

ކޮވިޑް-19 އާއި ގުޅިގެން ގެއްލުން ލިބުނު އެއް ވިޔަފާރީގެ ތެރޭގައި ޖަވާހިރު ވިއްކުމުގެ ވިޔަފާރިވެސް ހިމެނެއެވެ. މިފަދަ ޖަވާހިރާއި އަގުބޮޑު ޔާގޫތު ފަދަ ތަކެއްޗަކީ އެތައް މިލިއަން އަހަރަކުން އުފެދޭ ބިމުގެ ހަޒާނާއެވެ.

ކިޔުންތެރިންގެ ހިޔާލު