އިސްރާއީލް ސިފައިން، ފަލަސްތީންގެ ހުޅަނގު އައްސޭރީގައި 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

ޔަހޫދީންގެ އަތް ދަށުވެގެން ޝަހީދުވެފައި ވަނީ މުހައްމަދު މުއައްޔަދު އަލާމީއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާގެ ގަޔަށް ބަޑި ޖަހާފައި ވަނީ ހުޅަނގު އައްސޭރީގައި ތިބި އިސްރާއީލް ސިފައިންނެވެ. އެ ކުއްޖާގެ މެއަށް ވަޒަން އަރާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާގެ ގަޔަށް ބަޑި ޖެހީ އޭނާގެ ބައްޕަ އާއެކު، ކާރުގައި އިންދައެވެ.

ފަަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ އެކުއްޖާ ޝަހީދުވީ ބަޑީގެ ހަމަލާ ދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މުހައްމަދާއި އޭނާގެ ބައްޕަ އަދި އަންހެން ކޮއްކޮ ދަތުރު ކުރަމުން ދިޔަ ކާރު ހުޅަނގު އައްސޭރީގައި މަޑު ކުރީ އެއްޗެއް ގަތުމަށް ކަމަށްވެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ކާރު ދާން ފެށުމުން އިސްރާއީލް ސިފައިން ވަނީ ކާރު މަޑު ކުރުމަށް އަންގައިފައެވެ.

އަދި އިސްރާއީލް ސިފައިންގެ މީހަކު ބަޑި ނަގާ ކާރަށް އަމާޒުކޮށް ވަޒަން ޖަހަން ފެށީއެވެ. އެތަނުން ވަޒަނެއް ގޮސް އެރީ މުހައްމަދުގެ ގަޔަށެވެ. މި ހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލް އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ވެސް ފަލަސްތީންގެ 17 އަހަރުގެ ފިރިހެން ކުއްޖެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފައެވެ.