ޖަޕާނުގެ ވެރިރަށް ޓޯކިޔޯއިން ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ އެ ސިޓީގެ ސިއްހީ ނިޒާމު ފެއިލްވެދާނެކަމުގެ ބިރުބޮޑުވެއްޖެ އެވެ.

ޓޯކިޔޯ އޮލިމްޕިކްސް ފެށިގެން ކުރިޔަށްދާ މި ދަނޑިވަޅުގައި ޓޯކިޔޯއިން ކޮވިޑަށް ފައްސިވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވާން ވަނީ ފަށާފަ އެވެ. އެންމެ ފަހުން އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ކޮވިޑްގެ ތާފާސްހިސާބުތައް ދައްކާގޮތުން އެ ސިޓީއިން ދުވާލެއްގެ މައްޗަށް 2،800 އަށްވުރެ ގިނަ ކޮވިޑަށް ފައްސިވެއެވެ.

މީގެ ކުރިން އެންމެ ފަހުން ކޮވިޑަށް ފައްސިވާ މީހުން އެންމެ ބޮޑަށް އިތުރުވެފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައި އެވެ. ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް 2،500 މީހުން ކޮވިޑަށް ފައްސިވަމުން ދިޔައެވެ.

ޓޯކިޔޯގެ ގަވަރުނަރު ޔުރީކޯ ކެއިކޭ ވިދާޅުވީ އެ ސިޓީ އިން އާދަޔާހިލާފަށް ކޮވިޑް އިތުރުވަމުންދާތީ ވަރަށް ކަންބޮޑުވާކަމަށާއި ކޮވިޑް އިތުރުވާތީ ހޮސްޕިޓަލްތަކުގެ އެނދުތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ޓޯކިޔޯ އަދި ޖަޕާނުގެ ބައެއް ހިސާބުތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގައި އައިސީޔޫ އެނދުތައް ވަރަށް މަދެވެ. މިއީ ކޮވިޑުގެ ހާލަތު ނުރައްކާތެރި ދިމާއަކަށްދާ މިފަދަ ދަނޑިވަޅެއްގައި ވިސްނާލަން މުހިންމު ކަމެއްކަން ފާހަގަ ކުރެއެވެ.

އޭޕްރީލް މަހު ނެރުނު ނިކެއި އޭޝިޔާ ރިޕޯޓުން ހާމަވާގޮތުގައި ޖަޕާނުގެ އާބާދީގެ 100،000 މީހަކަށް މިހާރު ހުރީ ފަސް އައިސީޔޫ އެނދެކެވެ. މިއީ ތަރައްގީވެފައިވާ އެހެނިހެން ޤައުމުތަކާއި ބަލާއިރު ވަރަށް ދަށް ޢަދަދެކެވެ. އެގޮތުން އެމެރިކާގައި 100،000 މީހަކަށް 35 އައިސީޔޫ އެނދު ހުންނައިރު ޖަރުމަނުގައި ހުންނަނީ 100،000 މީހަކަށް 30 އައިސީޔޫ އެނދު އެބަހުއްޓެވެ.

ޓޯކިޔޯ އޮލިމްޕިކްސް މިހާރު ބާއްވަމުން ދަނީ ކޮވިޑްގެ މިހާލަތުގައި މުބާރާތް ކެންސަލް ކުރުމަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު