ޔޫރަޕް އިއްތިހާދުން މިޔަންމާ އަސްކަރިއްޔާގެ އިސް ހަތް އޮފިސަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިހާރު ކުރިއަށްދާ އީޔޫގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދަތިކުރުމުގެ ފިޔަވަޅުއެޅި އޮފިސަރުންގެ ތެރޭގައި މިޔަންމާ ސިފައިންގެ ފަސް ޖެނެރަލުން ހިމެނެއެވެ.

އީޔޫއިން ވަނީ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އިންސާނިއްޔަތާ ޚިލާފް އަމުތަށް އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

މިމީހުން ބައިވެރިވެގެން ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި މީހުން ހައްގަކާނުލައި މެރުމާއި، ޖިންސީ އަނިޔާކުރުމާއި، ރޮހިންގާ މީހުންގެ ގެދޮރާއި، އިމާރާތްތައް އެންދުން ހިމެނޭއެވެ.

އީޔޫއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕްގެ އެއްވެސް ގައުމަކަށް ނުދެވޭގޮތް ހެދުމާއި، އަދި އީޔޫގެ ގައުމުތަކުގައި ހުރި އެމީހުންގެ މިލްކިއްޔާތުތައް ގަނޑުކުރުން ހިމެނެއެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުގެ އިސް ހަތް އޮފިސަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާގުޅޭ ގަރާރު ހުށަހެޅީ، އިނގިރޭސިވިލާތުންނެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ، އީޔޫއިން އެޅި ފިޔަވަޅުން، ރޮހިންޔާ މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމުގައި އަސްކަރިއްޔާގައި އިސްކޮށް އުޅޭ މީހުންނަށް މިދިނީ އިންޒާރެއް ކަމަށެވެ.

މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރަކީން ސްޓޭޓުގައި ފެށި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު 700,000 އަރައެވެ.

މިޔަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގައި ގާތްގަނޑަކަށް 9000 އެއްހާ ރޮހިންޔާ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 730 ކުދިން ވެސް ހިމެނޭ ކަމަށް ގްލޯބަލް ހިއުމަޓޭރިއަން އޯގަނައިޒޭޝަންގެ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    ރާއްޖޭގެ ވެސް ރައްޔިތުންގެ މުދާ ނާޖާއިޒު ގޮތެއްގަ ހޯދާފަ ތިބި މީސްމީހުންގެ މުދާ ގަނޑު ކޮށްލަންވީނު ހަމަ!

  2. 3ނިރު

    ގަނޑު ކުރާކަށް ނުޖެހެ އެތިބީ ފިލާ ގައުމުތަކުގަ