މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީގެ ނޭޝަނަލް ލީގް ފޯރ ޑިމޮކްރެސީ (އެންއެލްޑީ) ޕާޓީ އުވާލާފިއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބާ ގުޅުވައިގެން ޕާޓީތަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަންގެ އެ އެންގުމަށް ސޫކީގެ ޕާޓީން ބޯލަނބާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރީ-ރަޖިސްޓްރީ ވުމަށް ދިން މުއްދަތު ހަމަވި އިރު، އެ ފުރުސަތުގެ ބޭނުން ނުހިފައިގެން އުވާލި 40 ޕާޓީގެ ތެރޭގައި ސޫކީގެ ޕާޓީ ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުން ސަރުކާރުން ޕާޓީތަކަށް ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. އަދި މި ފުރުސަތު އިއުލާންކޮށްފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގައި ކަމަށްވެއެވެ.

"ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، އަސްކަރިއްޔާއިން ރައްޔިތުންނަށް އަނިޔާ ކުރަމުންދާ ދަނޑިވަޅެއްގައި ބާއްވާ އިންތިޚާބެއް އަޅުގަނޑުމެންގެ ޕާޓީން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން" މިކަމާއި ގުޅޭގޮތުން ސޫ ކީގެ ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ބޯ ބޯ އޫ ވިދާޅުވިއެވެ.

ނޮވެމްބަރު 2020 ގައި މިޔަންމާގެ މަޖިލިސް އިންތިހާބުގައި އެންއެލްޑީ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. ނަމަވެސް، އޭގެ ފަހުން ތިން މަސް ހަމަ ނުވަނީސް މިޔަންމާ ސިފައިން ވަނީ ބަޣާވާތެއް ހިންގައި އަންގް ސަން ސޫކީ ޖަލަށް ލާފައިއެވެ.
އުމުރުން 77 އަހަރުގެ ސޫ ކީގެ މައްޗަށް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ވަރަށް ގިނަ ކުށްތަކެއްގެ ތުހުމަތުކޮށްފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިނބޫ

    ބަރާބަރު މުސްލިމުންނަށް އަނިޔާ ދިން ޑަކައިތެއްތީ!

  2. ފަގުޑި

    ހަމަ ތިގޮތައް އުވާލަންވީ ކެނެރީގޭ ފުރޭތަގެ ގަބީލާގެ ޕާޓީވެސް. މުޅި ރާއްޖެ ތަޅާ ސުންނާފަތިކޮއްފި.

    13
    1
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ސޫކީ އަކީ ރޮހިންގޔާ މީހުންނަށް ވެސް އަނިޔާދީ، އެމީހުންގެ ގެތަކުގައި ރޯކޮށް އަންދާލާ ހެދުމަށް ހިތްވަރުދިން މީހެއް. މީނާގެ ނޮބެލް ޕްރައިޒް އަކީ ވެސް އަނބުރާ އަތުލަން ޖެހޭނެ އެއްޗެއް ކަމަށް ވަރަށް ގިނަފަހަރު ބަހުސް ކުރެވިފައިވޭ!

    • ހުވަދޫ އަލިބެއްޔާ

      އަނިޔާ ކުރުމަކީ ގޯހެއް.. ވަކި މުސްލިމުންނަށް ވީމަ އެއް ނޫން.. މި ރާއްޖޭގައި ތިބި ވަގު ބަންގާޅީން އެމީހުންގެ ޤައުމަށް ނުދާން ގަދަ ހަދައި، ސައްޙަ ލިޔެކިޔުން ނެތޭ ބުނެ އެމީހުންގެ ސަރުކާރުން ބަންގާޅީން ގެންދަން ދެކޮޅު ހަދައިފި ނަމަ މި ރާއްޖޭގައި ވެސް އެއޮތީ "ރޮހިންގާ" އެއް އުފެދިފަ.. ދިވެހިންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.. ބާރުގެ ބޭނުންކޮށް ފޮނުވާލެވޭނެ ފަދަ ފެންވަރެއް އަހަރުންގެ ނެތް..