އަސްކަރިއްޔާ އިން ވެރިކަން ކުރާ މިޔަންމާގެ ކޯޓަކުން، އެ ގައުމުގެ ކުރީގެ ލީޑަރު އައުންގް ސަން ސޫކީ އަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށް، އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު ހުކުމުގެ މުއްދަތު 33 އަހަރަށް އިތުރު ކޮށްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން 2021 ވަނަ އަހަރުގެ ކުރީކޮޅު ހިންގި ބަޣާވާތެއްގައި، އިންތިހާބުވެފައިވާ 77 އަހަރުގެ ސޫ ކީ މަގާމުން ދުރުކޮށް، މިހާރު އެ ގައުމުގައި ވެރިކަން ކުރަމުން ދަނީ އަސްކަރިއްޔާއިންނެވެ.

އިއްޔެ ސޫ ކީގެ މައްޗަށް ކުރެވުނު ހަތް އަހަރުގެ ހުކުމަކީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާއި ގުޅިގެން ކުރެވުނު ހުކުމެކެވެ. ގުދުރަތީ ކާރިސާތަކާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ހޯދި ހެލިކަޕްޓަރެއްގެ ވިޔަފާރީގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

މިހާރުވެސް އެކި ހުކުމުތައް ތަންފީޒު ކުރަމުން އަންނަ ސޫ ކީ އަށް މިހާރު ޖުމުލަ 33 އަހަރުގެ ހުކުމަކާއި މިވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ތިން އަހަރު މަސައްކަތް ކުރުން ވެސް ހިމެނެއެވެ. އެހެންކަމުން އޭނާ ދިރިއުޅުމުގެ ބާކީ ބައި ހޭދަކުރަން ޖެހޭނީ ޖަލުގައި ކަމަށް ލަފާކުރެވެއެވެ.

ސޫކީ މައްޗަށް މީގެ ކުރިން ވެސް ވަނީ އެކި ދައުވާތައް ކުރެވިފައެވެ. އޭގެ ތެރޭގައި އިންތިހާބުގައި މަކަރު ހެދުމާއި، ރިޝްވަތުގެ ކުށް ހިމެނެއެވެ. ނަމަވެސް ސޫ ކީގެ މައްޗަށް ކުރެވޭ ދައުވާ ތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އޭނާގެ ވަކީލުން ބުނާގޮތުގައި އެއީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކެކެވެ.

މިޔަންމާގެ ވެރިރަށް ނޭޕިޑޯ ގެ ޖަލެއްގައި ސޫ ކީ ބަންދުކޮށްފައި ހުރިއިރު، އޭނާ ގެ މައްޗަށް ކުރެވޭ ޝަރީއަތްތައް ހިންގަމުންދަނީ ސިއްރުކޮށްގެންނެވެ. އަދި ދައުލަތުގެ މީޑިއާއިން މި ޝަރީއަތްތަކާއި ގުޅޭ ގޮތުން ހާމަކުރަނީ ވަރަށް މަދު މައުލޫމާތަށް ވާއިރު، މި ޝަރީއަތްތަކާއި ގުޅިގެން މައުލޫމާތު ހާމަކުރުން ސޫ ކީ ގެ ވަކީލުންނަށް ވެސް އޮންނަނީ މަނާކޮށްފައެވެ.

ބާޣާވާތަކުން ވެރިކަމަށް އައިސްފައިވާ މިއަންމާގެ އަސްކަރީ ސަރުކާރު ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން ބަލައެއް ނުގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކޮބާ ސޫކީ! މުސްލިމުން ކަތިލާފައި ކަލެއަށް ސަލާމަތް ވެވިއްޖެތަ؟

    18
  2. އަހުމަދު

    މަރުވަންދެން ތި އަންހެނާ ޖަލުގަ ބެހެއްޓުން އެއީ ހާދަ އުފާވާނެ ކަމެކޭ

    15
  3. ހުސޭނުބޭ

    ތިއީ ކަނޑުފުރޭތައަކަށްވުރެވެސް ނުލަފާ އެއްޗެއް

    13