މިޔަންމާގެ އަސްކަރިއްޔާއަށާއި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް، އދ. ގައި އެގައުމުތައް ތަމްސީލުކުރުމުގެ ހުއްދަ ދިނުން އދ.ގެ ޖެނެރަލް އެސެމްބްލީގެ ކްރިޑެންޝަލްސް ކޮމެޓީން ދެވަނަ ފަހަރަށް ފަސްކޮށްފައިވާ ކަމަށް އެ ކޮމެޓީން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

193 މެމްބަރުން ހިމެނޭ އދ. ގެ ޖެނެރަލް އެސެމްބްލީން މާދަމާ އެ ރިޕޯޓް ފާސްކުރާނެއެވެ. މި ރިޕޯޓުގައި ވަނީ ލީބިޔާ ތަމްސީލުކުރާ ގޮނޑި ހޯދުމަށް އިދިކޮޅުން އެދިފައިވާ އެދުމަށް ގޮތެއް ނިންމުންވެސް ލަސްކޮށްފައެވެ. ނުވަ މެމްބަރުން ހިމެނޭ މިފަހަރުގެ ކްރެޑެންޝަލްސް ކޮމެޓީގައި ހިމެނެނީ ދާއިމީ ތިން މެމްބަރުން ކަމަށްވާ އެމެރިކާ، ރަޝިއާ، ޗައިނާ އާއި އެކު ބަހާމަސް، ބޫޓާން، ޗިލީ، ނަމީބިއާ، ސިއެރާ ލިއޯން އަދި ސްވީޑެންއެވެ.

މި ނިންމުމުގެ ސަބަބުން އދ. ގައި މި ގައުމުތައް ދެން ވެސް ތަމްސީލު ކުރަމުންދާނީ މިހާރުވެސް ތަމްސީލު ކުރަމުންދާ ފަރާތްތަކުން ކަމަށް ޑިޕްލޮމެޓުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން އަފްޣާނިސްތާނާއި މިޔަންމާ ތަމްސީލުކުރާނީ ތާލިބާނުންނާއި، މިޔަންމާ އަސްކަރިއްޔާއިން އެ ގައުމުތަކުގެ ވެރިކަމަށް އައުމުގެ ކުރިން އެގައުމުތަކުގައި އޮތް ސަރުކާރުތަކުން ކަނޑައަޅާފައިވާ މެމްބަރުންނެވެ.

މިދިޔަ އަހަރުވެސް އދ ގެ ޖެނެރަލް އެސެމްބްލީން ވަނީ ތާލިބާނުންނާއި މިޔަންމާ އަސްކަރިއްޔާއިން އެ ދެ ގައުމުގެ ގޮނޑި ހޯދުމަށް އެދިފައިވާ އެދުމަށް ގޮތެއް ނިންމުން ލަސްކޮށްފައެވެ.

މި މަހުގެ 12 ވަނަ ދުވަހު އދ. ގެ ކްރިޑެންޝަލްސް ކޮމެޓީން ބޭއްވި ބައްދަލުވުމަށްފަހު ވޯޓަކާއިވެސް ނުލާ އެއްބަސްވެފައިވަނީ، މިޔަންމާ، އަފްޣާނިސްތާން އަދި ލީބިޔާގެ ގޮނޑީގެ މައްސަލަ ލަސްކޮށް، އދ.ގެ ޖެނެރަލް އެސެމްބްލީގެ 77 ވަނަ ބައްދަލުވުމަށްފަހު އަލުން އެކަމާއި މެދު ވިސްނުމަށެވެ. 77 ވަނަ ބައްދަލުވުން ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެގައުމުގައި އޮތް ބައިނަލް އަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރު ވައްޓާލުމަށްފަހުގައެވެ. މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތުގައި އެ ގައުމުގައި އިންތިހާބުކޮށްފައިވާ ސަރުކާރު ވައްޓާލާ ވެރިކަމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރާއި، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުވެސް ބައިނަލް އަގުވާމީ ގޮތުން ބަލައިގަނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާނިވާއިން

    އދ އިސްލާހް ކުރަންޖެހޭ

  2. Anonymous

    ދުނިޔޭގައި ދެވަނަ އަލިފުދާލެއް އުފައްދަން އެބަޖެހޭ. އެކަން ކުރަންވީ ޗައިނާއާއި ރަޝިޔާ އިން އިސްވެތިބެ "ބްރިކްސް" ގެ ގައުމުތަކުން. އޭރުން އެމެރިކާއާއި ޔޫރަޕުގެ ގައުމުތައް ހޭއަރާނީ.