ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފެތުރިފައި އޮތް ކޮވިޑް-19 އަކީ ޗައިނާގެ ރީސާޗް ފެސިލިޓީއަކުން ލީކްވެގެން އުޅޭ ވައިރަހެއް ކަން ހާމަވާ އެކަށީގެންވާ ހެކި ހުރި ކަމަށް އެމެރިކާގެ ރިޕަބްލިކަންސް އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވިރޮލޮޖީ (ޑަބްލިއުއައިވީ) ގައި މަސައްކަތް ކުރާ ސައިންސްވެރިންނަށް އެހީތެރިވެފައި ވަނީ އެމެރިކާ އާއި ޗައިނާގެ ތަޖުރިބާކާރުންތަކެއް ކަމަށެވެ. އަދި ޗައިނާ އާއި އެމެރިކާ ސަރުކާރުން އެކަމަށް ފަންޑު ކުރި އިރު، އެމީހުންގެ މަގްސަދަކީ ކޮރޯނާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް "އިންފެކްޓް" ކުރުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

އެހެންކަމުން މިކަމުގައި ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމަކު ޗައިނާ އިން ވަނީ އެ ގައުމުގެ ލެބަކުން ވައިރަސް ލީކްވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ.

ރިޕޯޓުގައި ބައެއް ތަޖުރިބާކާރުންނާ ހަވާލާދީ ބުނެފައި ވަނީ މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޖަނަވާރުންގެ ގައިންނެވެ. އޭގެ ފަހުން، އެ ވައިރަސް އިންސާނުންގެ ގަޔަށް ފޯރުވީ ޑަބްލިއުއައިވީ ކައިރީ ހުރި ސީފުޑް މާރުކޭޓަކުންނެވެ.

"އަހަރުމެން ގަބޫލު ކުރާ ގޮތުގައި ހެކިތަކުގެ މައްޗަށް ބިނާ ކޮށް ވައިރަސް ލީކްވީ ޑަބްލިއުއައިވީ އިން. އެކަން ކުރީ ސެޕްޓެމްބަރު 12، 2019 ގެ ކުރިން،" ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބޯޓަރީ އަކުން ލީކްވެފައިވާ ވައިރަހެއް ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލު ކުރެއެވެ. ފޮކްސް ނިއުސްއިން ކުރި ސާވޭ އަކުން ދައްކާ ގޮތުން 60 އިންސައްތަ މީހުން ގަބޫލުކުރަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބޯޓަރީއަކުން ލީކްވެފައިވާ ވައިރަހެއް ކަމަށެވެ.އަދި 31 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކޮވިޑް އާލަމީވަބާގެ ފެށުމަކީ ގުދުރަތީ ކާރިސާއެކެވެ.

ކޮވިޑް-19 ވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގައި ހުރި ލެބޯޓަރީއަކުން ލީކްވެފައިވާ ވައިރަހެއް ކަމަށް ބުނެ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. ޓްރަމްޕް ބުނީ ޗައިނާގެ ލެބޯޓަރީ އަކުން ވައިރަސް ލީކްވި ކަމަށާއި، އެކަމާއި ގުޅިގެން އެކަށީގެންވާ މައުލޫމާތު ވެސް ހާމަކޮށްފައިނުވާ ކަމަށެވެ.

ވައިރަސްގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ޓީމަކުން ވަނީ ވޫހާންގެ ލެބޯޓްރީއަށް މީގެ ކުރިން ޒިޔާރަތްކޮށްފައެވެ. އެޒިޔާރަތައް ފަހު ޑަބްލިއުއެޗްއޯގެ ޓީމުން ބުނީ ވައިރަސް ލީކްވީ ލެބޯޓީން ކަމަށް ބުނެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ޗައިނާ އިން ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބަލިމަޑުކަން ވަނީ ފެތުރިފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން 199 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްތުނާ

    އަނެއްކާވެ ސް އިތުރުދޮގެއް.. އިރާގުގަ ނުރައްކާތެރި ކެމިކަލްހަތިޔާރު ހުރިކަމުގެ ޔަގީންކަމާއި ހުރިތަންތަނާއި ހުރިއަދަދުތަކާއި އެއެއްޗެހީގެކުލައާއި އޭގަދޭނެރަހަވެ ސްއެނގޭކަމަށްބުނީވެ ސް ހަމަތިޔައެމެރިކާއިން.. އެކަމަކު ސައްދާމު މަރާލުމަށްފަހު އިރާގުގެމިލްކުވެރިކަން އެމެރިކާއަށްއޮވެ ބައިގަރުނުވީއިރުވެ ސް އެބުނިއެއްޗެއްނުދެއްކުނު ...