ޕާކިސްތާނުގައި އެއްދުވަސް ތެރޭ އެއް މިލިއަން މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގައި އެއް ދުވަސް ތެރޭ މިލިއަން މީހުންނަށް ވެކްސިން ދީފައިވަނީ މަޖުބޫރު ކުރުވައިގެންނެވެ. އެގޮތުން ވަޒީފާތަކަށް ދާ ފަރާތްތަކުން ވަޒީފާއަށް ދާން ބޭނުން ނަމަ ވެކްސިން ޖެހުމަށް ނުވަތަ ނުޖަހާނަމަ ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.

225,556,853 މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި މިހާތަނަށް ވެކްސިން ފުރިހަމަ ކޮށްފައިވަނީ 4.55 މިލިއަން މީހުންނެވެ. އެހެންކަމުން އެއީ އެގައުމުގެ އާބާދީގެ 2.1 އިންސައްތައެވެ.

އެގައުމުން އެއް ދުވަސްތެރޭ މިލިއަން މީހުންނަށް ވެކްސިން ދީފައިވަނީ ހަފްތާއެއްހާ ދުވަސް ކުރިން ހާއްސަ އުސޫލުތަކެއް އެކުލަވާލުމަށްފަހު އެވެ.

ޕާކިސްތާނުން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގައުމުގައި ބަލި ކޮންޓްރޯލް ކުރުމަށް އެކި ފިޔަވަޅުތަކެއް އެޅިނަމަވެސް، ބައެއް ފަރާތްތަކުން ފިޔަވަޅުތަކަށް ބެލުމެއް ނެތި އުޅޭތީ އެގައުމުގައި ބަލި ކޮންޓްރޯލް ކުރުން ވަނީ ވަރަށް އުނދަގޫވެފައެވެ.

ޕާކިސްތާނުގައި މިހާތަނަށް 1،058،405 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 4،745 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. އެގައުމުން މިހާތަނަށް 23،702 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް ފެނުނުތާ އަހަރެއް ވެފައިވާއިރު، ޕާކިސްތާނުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 954،711 މީހުންނެވެ. މިވަގުތު 79،992 މީހަކަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 4،157 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު