ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 792 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ހަތަރު ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، ހަވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުން ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ރަޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 16، 24 އަދި 29 ވަނަ ދުވަހުއެވެ. އެދުވަސްތަކުގައި 799 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ރަޝިއާއިން މި ބަލި ޖެހިގެން މިހާތަނަށް 163,301 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 22,660 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 6,402,564 އަށް އަރާފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 5,720,353 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 518,910 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

އެގައުމުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ ފަރާތްތަކުގެ އަދަދު ފެށުނީއްސުރެ އެއްވަރެއްގައި ހުންނާތީ އެގައުމުގެ ބައެއް ރައްޔިތުން ވަނީ ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން އެ އަދަދުތަކަށް މަކަރު ހަދާ ކަމަށް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު