ފްލައިޓްތަކެއް ހައިޖެކް ކޮށްގެން 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު އެމެރިކާ އަށް ދިން ވަރުގަދަ ނިރުބަވެރި ހަމަލާގެ ފަހަތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރާއި، އެގައުމުގެ ޝާހީ އާއިލާގެ އަތެއް އޮތްކަމަށް އެމެރިކާ ސަރުކާރުން ނިންމައި އެކަން އިއުލާން ކުރުމަށް އެހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން އެމެރިކާ ސަރުކާރުގައި އެދިއްޖެއެވެ.

ވަރުގަދަ ހަމަލާއަށް 20 އަހަރު ފުރުން ފާހަގަ ކުރަން އެމެރިކާ ސަރުކާރުން ތައްޔާރުވަމުން ދާއިރު ހަމަލާގައި މަރުވި 1800 މީހުންގެ އާއިލާ ތަމްސީލް ކުރާ ޔޫނިއަނުން ބުނީ ހަމަލާގެ ހަނދާންތައް އާކުރަން ބާއްވާ އެއްވެސް އިވެންޓަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާޒިރު ވާން ޖެހޭނީ އެހަމަލާގެ ފަހަތުގައި ސައުދީ އަރަބިއްޔާގެ އަތެއް އޮތްކަމަށް އިއުލާން ކޮށްފައެވެ.

އާއިލާ މެންބަރުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ ހަމަލާ އާއި ގުޅިގެން އެމެރިކާ ސަރުކާރަށް ލިބިފައި ހުރި ހުރިހާ ލިޔެކިޔުންތަކެއް އިތުރަށް ސިއްރު ކުރުމެއް ނެތި ހާމަކުރަން ޖެހޭނެ ކަމަށެވެ. ޕެންޓަގަން އިން ލިޔުންތައް ފޮރުވައިގެން އަދިވެސް ތިބި ތިބުމަކީ ކަންކަން ސިއްރު ކުރާކަމުގެ ހެއްކެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މައުލޫމާތުތައް ހާމަކޮށް ދެފުއްފެންނަ ގޮތައް ހުރިހާ ކަމެއް ކުރުން އެއީ ރައީސް ބައިޑެންގެ ރިޔާސީ ވައުދަކަށް ވާއިރު އެވައުދަށް އަމަލު ކުރުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

"11/9 ކޮމިޝަނުން މައްސަލަ ތަހްގީގު ކުރުމަށް ފަހު 2004 ވަނަ އަހަރު އެކުލަވާލި ރިޕޯޓްގައި މިހަމަލާއަށް ސައުދީ އަރަބިއްޔާ ސަރުކާރުގެ އޮފިޝަލުން ތާއިދު ކޮށްފައިވާކަން ހާމަވޭ. ނަމަވެސް އޭގެ ފަހުން އެމެރިކާ ސަރުކާރު އެތައް ފަހަރަކު ބަދަލު ވެގެން ދިޔައިރު ވެސް މައުލޫމާތުތައް ހުރީ ސިއްރު ކޮށްފައި. އެއްވެސް މައުލޫމާތެއް ހާމައެއްނުކުރި. 11/9 ހަމަލާގެ ހަގީގަތް އެމެރިކާ ރައްޔިތުންނަށް ސާފުވާނީ މިހާރު ސިއްރު ކޮށްފައި ހުރި ހުރިހާ ލިޔެކިޔުމެއް ހާމަކޮށްގެން." ބަޔާނުގައި ބުނެފައި ވެއެވެ.

ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގައި މަރުވި ބްރޫސް ނަމަކަށް ކިޔާ މީހެއްގެ ބައްޕަ ބްރެޓް އެގެލްސަން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ހަމަލާގެ ހަގީގަތް ހޯދަން ކުރި މަސައްކަތައް އެމެރިކާގެ ސަރުކާރުތަކުން އެއްބާރުލުން ނުދިނުމުން އާއިލާތައް މިހާރު ވަރުބަލިވެފައިވާ ކަމަށެވެ.

ފަހުގެ ތާރީޚެއްގައި ދިން އެންމެ ވަރުގަދަ ނިރުބަވެރި ހަމަލާ ކަމަށްވާ 11/9 ހަމަލާ އާއި ސައުދީ އަރަބިއްޔާ އާއި ގުޅުވައިގެން ތަފާތު ވާހަކަތައް އަބަދުވެސް ދެކެވެއެވެ. ނަމަވެސް އެމެރިކާ އިން އެމައްސަލަ ތަހްގީގު ކުރުމަށް ފަހު ބުނެފައި ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ވެރިން އެހަމަލާ ދިނުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ދެ ފްލައިޓެއް ހައިޖެކް ކޮށްގެން ދިން ހަމަލާގެ އަޑީގައި ހުރީ ސައުދީ އަރަބިއްޔާ އަށް އުފަން ނަމަވެސް ފަހުން އަފްޣާނިސްތާންގައި ދިރިއުޅުނު އުސާމާ ބިން ލާދިންއެވެ. ފްލައިޓް ހައިޖެކް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވީ ޔޫއޭއީގެ ދެމީހަކާއި ސައުދީ އަރަބިއްޔާގެ ދެމީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސާބެ

    އެމެރިކާއިން އެ އުޅެނީ މިހާރު އަފްޤާނިސްތާން ފުނޑާލާފަ ސައުދީ ފުނޑާލަން
    އެއުޅެނީ ގެފުޅާ ބެހެން
    ލެޔާ ނުބެހޭތި
    އޭރުން މުޅި އިސްލާމީ އުއްމަތް އެކުވެގެން އެމެރިކާ ފުނޑާލަނެ
    މިހާރުވެސް މި އިސްލާމުން ނައް ނުވިސްނޭތީ ދެރައީ
    އިސްލާމުން އިސްލާމުން މަރަމުން އެދަނީ އެމެރިކަ އިގިރޭސިވިލާތް އިސްރާއީލް އެތިބެނީ ހެވިފަ އިސްލާމުން މަދުވާތީ
    އެ މީހުން ބޮލުން މާ ވިސްނުން ރަނގާލޭ
    އެއްވެސް ޓެރަރިސްޓް ގުރޫޕް އޮވޭތަ ނޯއްނާނެ އެމީހުން އިސްލާމުން ލައްވާ އިސްލާމުން އެ މަރަނީ
    އަދިވެސް ލަހެއް ނުވޭ އިސްލާމުން އެކުވަމާ
    ގެފުޅު އަޤްސާ މިސްކިތް މިތަންތަން ސަލާމަތް ކުރަމާ

    34
    4
  2. Anonymous

    ތިއީ އިސްލާމީ ދުނިޔެ ފުނޑާލަން ރާވާ ރޭވުމެއް. ސައުދީގެ ވާހަކަ އެކަނި ދައްކައިގެން ޕެންޓަގަނަށް މައްސަލައިގެ ދެފުށެއް ނުދެއްކޭނެ. ދެފުށް ދައްކާނަމަ އެމެރިކާއާ އިޒްރޭލުގެ ވާހަކަވެސް ދައްކައިގެން ދެފުށް ފެންނާނީ.

    27
    3
  3. ޒަމީރު

    ސައުދީ އަރަބިއާ އިން އެފަދަ ކަމެއް ނުކުރާނެ ކަން އަހަރުން ނަށް 100% ޔަގީން.
    އެއީ އެމެރިކާގެ އިންސައިޑް ޖޮބެއް، ޢިރާޤު އަފްޣާނިސްތާންގެ މުއްސަނދި ކަން ފޭރިގަންނަންވގެން، އަނެއްކޮޅުން އިސްލާމް ދީނުގެ ނަން ކިލަނބު ކުރަން

    20
    3
  4. ރައްޔިތު

    އަބަދުވެސް މުސްލިމުންނާއި ޖެހިގެން އުޅޭ ބައެއްތި އެމެރިކާ މީހުންނަކީ ތިއީވެސް ރޭވުމަކައް ވާނީ

    21
    3
  5. Anonymous

    ތިކަހަލަ ރޭވުން ރާވާ މީހުން މިދިވެހި ގައުމުގަވެސް އެބައުޅޭ.

    16
    2
  6. ކަލޯ

    9/11 އަކީ އެމެރިކާއާއި އިސްރާއިލް ރާވައިގެން ކުރިއަށް ގެންދިޔަ އިންސައިޑް ޖޮ ބެއް. އިސްލާމީ ގައުމުތަކުގަ ހުރި މުއްސަނދިކަން ފޭރެންވެގެން އަމިއްލައަށް ހިންގި ޖަރީމާއެއް

    16
    3
  7. އަހުމަދު

    އެމެރިކާތަ 9/11 ގަ ގޮއްވާލީ؟ ވޯލްޑް ޓްރޭޑް ސެންޓަރު ނޫންތަ ގޮއްވީ؟

  8. މުހައްމަދު

    ތި އެ މެރި ކާ އަކީ ދުނިޔޭގަ އެންމެ ގަތުލު އާއްމުތަށް ހިންގި ހިންގަމުންދާ މުޑުދާރު ގޮތްކުޑަ ދަށުދަރަޖައިގެ ގައުމެއް.