އާޖެންޓީނާގައި ފަގީރުން ގިނަވުމާއި، ކޮވިޑާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުން ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދަައިދިނުމަށް އެދި އެގައުމުގެ މަގުތަކަށް 10،000 އެއްހައި މީހުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.

ވަޒީފާ ގެއްލިފައިވާ މީހުންގެ ޖަމުއްޔާއަކާއި ލެފްޓް ވިންގުން ގުރޫޕުން މި އެއްވުން ލީޑް ކޮށްފައެވެ. އާޖެންޓީނާގެ ވެރިކަން ސިޓީ ބުއެނޯސް އެއާސްއިން ފެށި މި މުޒާހަރާ ނިންމާލައިފައިވަނީ ޕްލާޒާ ޑި މަޔޯ އަށެވެ. މި މުޒާހަރާ ކޯޑޮބާ އާއި މެންޒޮޑާ ސިޓީގައި ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުން މި މުޒާހަރާގައި ބައެއް މީހުން ބައިވެރިވެފައިވަނީ ވަޒީފާއެއް ނެތި އާއިލާގެ މެމްބަރުންނާއި އަވައްޓެރިންގެ ހައްގުގައި ކަމަށެވެ.

އާޖެންޓީނާއި ކޮވިޑް ވޭދަނަތައް އިތުރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރައި ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮވިޑާއި ގުޅިގެން އާޖެންޓީނާގެ އިގްތިސާދު ހީނަރުވެ، އާބާދީގެ ނިސްބަތުން ފަގީރުން ވަނީ އިތުރުވެފައެވެ. އެގޮތުން، 45 މިލިއަން މީހުންގެ އާބާދީ އޮންނަ އެގައުމުގެ 42 އިންސައްތަ މީހުންނަކީ ފަގީރުންނެވެ. އަދި 10.2 އިންސައްތަ މީހުންނަކީ ވަޒީފާ ހޯދަން މަސައްކަތްކޮށް، ވަޒީފާ ނުލިބިފައިވާ މީހުންނެވެ.

ލެޓިން އެމެރިކާއިން އެންމެ ހާލަތު ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނެއެވެ. މިހާރު ވޭދަނަތައް މަދުވެފައިވުމުން މިދިޔަ ހުކުރު ދުވަހު އާޖެންޓީނާ ސަރުކާރުން ވަނީ ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އެގޮތުން، މީހުން އެއްވެ އުޅެން ހުއްދަ ދީފައިވާ އަދަދު އިތުރުކުރުމާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ފެށުމާއި، ގައުމަށް އެތެރެވެވޭ މީހުންގެ އަދަދު އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.