ގްރީސްގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން ކުރާ އަސަރު އިތުރަށް ބޮޑުވެ އެގައުމުގެ ގިނަ ހިސާބުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދަނިކޮށް، އަލިފާންގަނޑު ނިއްވުމަށް ޔޫރަޕުގެ ގައުމުތަކުން އެހީތެރިވާން ފަށައިފިއެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކަކުން ފަޔާ ފައިޓަރުން ގްރީސްގެ ރަށެއް ކަމަށްވާ އެވިއާގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެވިއާގެ ރައްޔިތުން ވަނީ މިދިޔަ ހަފްތާއިން ފެށިގެން އެރަށުގައި ރޯވަމުންދާ އަލިފާނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ހާދިސާގެ ސަބަބުން ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި އެރަށުން ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ގޮތެއް ނުވެފައި އެތައް ބަޔަކު އެބަ ތިބި ކަމަށް ވެސް އޮފިޝަލުން ފާހަގަކުރެއެވެ. މިދިޔަ ހަފްތާ ބަންދުގައި ވެސް އެރަށުން ހާހަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ގްރީސްގެ އޮފިޝަލުން ބުނެފައިވަނީ އެގައުމުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވަނީ މިއީ އެގައުމަށް ކުރިމަތިވެފައިވާ އެންމެ ހޫނުގަދަ ދުވަސްތަކަށް ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ގްރީސްގެ ފިނިހޫނުމިން މިވަގުތު ހުރީ 47 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައެވެ. ހޫނު ގަދަވުމުގެ ސަބަބުން ގްރީސްގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެފައިވާއިރު 586 ސަރަހައްދެއްގައި ރޯވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޯޓާ ބޮމްބިންގް ހެލިކޮޕްޓަރުތަކާއި، އަލިފާން ނިއްވުމުގެ އެހެންވެސް އާލާތްތައް ބޭނުންކޮށްގެން ގްރީސްގެ ފަޔާފައިޓަރުން ކެނޑި ނޭޅި ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ، ޔޫކްރެއިން އާއި، ރޯމާނިއާ އަދި ސާބިއާއިން އަންނަނީ އެހީތެރިވަމުންނެވެ. ހަމަ އެކަނި ހެލިކޮޕްޓަރުތަކުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމުގައި މެދުކެނޑުމެއްނެތި 850 ފަޔާފައިޓަރުން މަސައްކަތް ކުރަމުންދާކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ.

ގްރީސްއަށް ހޫނުގަދަވެފައިވާތާ އެތައް ދުވަހެއް ވެފައިވާތީ އާއި މޫސުމަށް އައިސްފައިވާ ބަދަލާއި އެކު ވާރޭ ވެހޭނެ ދުވަހެއްވެސް ލަފާކޮށް ބުނަންވެސް ނޭނގޭތީ އިތުރު ސަރަހައްދުތަކުގައި އަލިފާން ރޯވެ ލިބޭ ގެއްލުންތައް ބޮޑުވަމުންދާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މި ދަނޑިވަޅުގައި، ބޮޑުވަޒީރު ކިރިއަކޮސް ވިދާޅުވީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިހުމާލެއް އޮތް ނަމަ އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަލިފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ބަދަަލު ދޭނެ ކަމަށްވެސް ކިރިއަކޮސް ވަނީ ވިދާޅުވެފައެވެ.

ހޫނުގަދަ ވުމުގެ ސަބަބުން އަލިފާން ރޯވެފައިވާ ގައުމުތަކުގެ ތެރޭގައި ގްރީސްގެ އިތުރުން އިޓަލީ، އަލްޖީރިއާ އަދި ރަޝިއާ ހިމެނެއެވެ.