ސީރިޔާ އާއި އިރާގުގެ 12 މިލިއަން މީހުންނަށް ފެނާއި، ކާބޯތަކެތި އަދި ކަރަންޓުގެ ހިދުމަތް ލިބުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

މި ކާރިސާއިން ސަލާމަތްވުމަށް ވީހާވެސް އަވަހަަކަށް ފިޔަވަޅު އެޅުމަށް އެދި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ 13 ގުރޫޕަކުން ގޮވާލައިފައިވެއެވެ.

ދުނިޔޭގެ ހޫނުމިން އިތުރުވުމާއި، ވާރޭވެހުން ރިކޯޑު އަދަދަކަށް މަދުވެ އެ ސަރަހައްދުގައި ބޯފެނާއި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ފެނަށް ޖެހިފައިވާކަމަށް މިއަދު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން މިހާރު ދިމާވެފައިވާ ފެނުގެ ދަތިކަމުގެ މައްސަލައަކީ ވޭތުވެދިޔަ 70 އަހަރުތެރޭގައިވެސް ސީރިޔާއަށް ކުރިމަތިވެފައި ނުވާ ވަރުގެ މައްސަލައެކެެވެ.

ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ބަނޑުހައި ހޫނުކަމާއި ދެކޮޅަށް މަސައްކަތްކުރާ ގުރޫޕުތަައް ފަދަ ގުރޫޕުތަކުން ވަނީ ދުނިޔޭގެ ހޫނުމިން އިތުރުވަމުންދާ ވަރަކަށް މި ސަރަހައްދުގައި ފެނުގެ ދަތިކަން ކުރިމަތިވަމުންދާނެ މިންވަރު އިތުރުވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި ފެނުގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ގޮންޖެހުންތަކެއް ހުރުމަކީ ސިއްހީ ނިޒާމަށް ވެސް ދިމާވާ ދަތިކަމެއްގެ ގޮތުގައި އެ ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ސަލާމަތީ ސަރަހައްދަކަށް އިރާގުގެ އެތައް ހާސް މީހުންނެއް ބަދަލުކޮށްފައިވާއިރު، ސީރިޔާގެ މީހުން ވެސް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.

މިދިޔަ ޖޫން މަހު އދއިން އާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޯޓަމް މޫސުމުން ފެށިގެން ވާރޭވެހުން މަދުވެފައިވާ ކަމަށާއި އޭގެ ސަބަބުން ސީރިޔާ އާއި އިރާގުގައި ފެނުގެ ދަތިކަން އިތުރުވެފައިވާ ކަމަށެވެ.

އަދި މީގެެ އިތުރުން ރިޕޯޓުގައި ބުނެފައިވާ ގޮތުން ސީރިޔާގެ ކޯރުތަކުގައި ހުންނަ ފެނަށް ބަރޯސާވެގެން އުޅޭ ފަސް މިލިއަން މީހުންނަށް ފެނުގެ ދަތިކަމުގެ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ސަތޭކައެތައް ކިލޯމީޓަރުތަކުގެ ދަނޑުބިންތައް ހަނަފަސްވުމުގެ ހިރާސް އެބައޮތް ކަމަށް ބުނެފައިވެއެވެ. ހަމަ މި ދަނޑިވަޅުގައި ސީރިޔާގެ ދެކުނު ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ތިން މިލިއަނެއްހައި މީހުންނަށް ކަރަންޓުގެ ހިދުމަތް ކުރިޔަށް އޮތްތާނގައި ފޯރުކޮށްނުދެވިދާނެ ކަމަށް ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ސީރިޔާގެ ހަސާކެއް، އަލެއްޕޯ، ރައްގާ ފަދަ ސަރަހައްދުތަކުގައި ފެނުގެ ދަތިކަން ދިމާވުމުގެ ސަބަބުން ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިރާގުގައި ވެސް 7 މިލިއަން މީހުންނަށް ފެނުގެ ދަަތިކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ. އަންބާރް ޕްރޮވިންސްގެ ބައެއް އާއިލާތަކަށް ކޯރުގެ ފެން ނުލިބުމާއެކު މަހެއްގެ މައްޗަށް ބޯފެނަށް 80 ޑޮލަރު ހޭދަކުރަން ޖެހިފައިވެއެވެ. އަދި ގިނަ އާއިލާތަކަކީ އެވަރަށް ފުދުންތެރި އާއިލާތަކަށް ނުވާތީ އިރާގުގައި ގިނަ ބަޔަކަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވެއެވެ.