ކޮވިޑް-19 އާއި ގުޅިގެން އޮމާނަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން އެގައުމުގެ ސަރުކާރުން އިއްޔެ ނިންމައިފިއެވެ.

އޮމާންގެ ސަރުކާރުން އިއްޔެ އިއުލާން ކޮށްފައިވާ ގޮތުގައި އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް އާއި އެހެން ގިނަ ގައުމުތަކުން ވެސް ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ އޮމާނަށް އެތެރެވެވޭނެއެވެ. މިނިންމުމަށް އަމަލު ކުރަން ފަށާނީ ސެޕްޓެމްބަރ 01 ވަނަ ދުވަހުން ފެށިގެންނެވެ.

އޮމާން ސަރުކާރުން ބުނާ ގޮތުގައި އެގައުމަށް އެތެރެވާ ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ގައުމަށް އެތެރެވާއިރު އޮންނަން ޖެހޭނެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ 14 ދުވަސް ފުރިހަމަ ވާން ޖެހޭނެއެވެ.

އޮމާނަށް ދަތުރު ކުރާ ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުންނަށް އެގައުމުގެ ބޯޑަރު ހުޅުވާލުމާއިއެކު ކަރަންޓީން ވުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް މަދުވެގެން ދާނެ ކަމަށް ބެލެވެއެވެ. މީހަރު އޮމާނަށް ދަތުރު ކުރުމުގެ ކުރިން ދެކުނު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ރާއްޖެ އައިސް 14 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

މިދިޔަ ހަފްތާގައި އަބޫދާބީން ވެސް ވަނީ ރާއްޖެ އަބޫދާބީގެ ގްރީން ލިސްޓުން އުނިކޮށްފައެވެ. އެއާއިއެކު ރާއްޖޭގައި 14 ދުވަސް ފުރިހަމަ ކުރި ނަމަވެސް އަބޫދާބީއަށް އެތެރެވުުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. އެހެންކަމުން އަބޫދާބީ އަށް ދަތުރު ކުރަން ބޭނުންވާ މީހުން ވެސް މިހާރު ރާއްޖެ އަށް ކަރަންޓީން ވާކަށް ނާދެއެވެ.

އޮމާންގައި އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރަނީ އިންޑިއާ މީހުންނެވެ. އޮމާންގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ އަދަދު ފަސްލައްކަ އަށް އަރާނެ ކަމަށް އޮމާންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާ އާއި އަދި ބައެއް އެހެން ގައުމުތަކުގެ މަސައްކަތްތެރިން ރާއްޖެއަށް ކަރަންޓީން ވާން އަންނަން ފެށުމާއިއެކު ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކެއް ވަނީ ފުރިފައެވެ. މިހާރު އާއްމުންގެ ގެތަކުގައި ވެސް ފަތުރުވެރިން ބައިތިއްބައިގެން ބައެއް މީހުން ފައިސާ ހޯދަމުންދާ ކަމަށް ވެއެވެ.