އޮމާންގެ ވަފުދަކާއެކު ވަރަށް ސީރިއަސް، އަދި ފައްސި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، އެ މަޝްވަރާތަކުން ޔަމަނުގެ ސުލްހައަށް މަގުފަހި ވެއްޖެ ކަމަށް ހޫތީ ހަނގުރާމަވެރިންގެ މަޝްވަރާ ޓީމުގެ ވެރިޔާ، މުހައްމަދު އަބްދުލް ސަލާމް ބުނެފިއެވެ.

އަބްދުލް ސަލާމް ބުނެފައިވަނީ، އޮމާންގެ ވަފުދާއެކު ކުރެވުނު މަޝްވަރާތަކުގައި، ޔަމަނުގެ ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމަށްޓަކައި އިންސާނީ އެހީތައް ދިނުމުގެ އިންތިޒާމުތައް ހަމަ ޖެއްސުމާއި، އިންސާފުވެރި ސުލްހަވެރިކަމެއް ގާއިމު ކުރުމަށް އަލި އަޅުވާލެވުނު ކަމަށެވެ. މީގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.

އޮމާނުގެ ރަސްމީ ވަފުދު، ޔަމަނުގެ ވެރިރަށް، ސަނާއަށް މިދިޔަ އަންގާރަ ދުވަހު ކުރި ޒިޔާރަތް ނިންމާލާފައިވަނީ އިއްޔެއެވެ. މި ޒިޔާރަތުގައި ޔަމަނުގެ ކާރިސާ ނިމުމަކަށް ގެނައުމުގެ މަސައްކަތްތަކާއި މެދުގައި ހޫތީންގެ ވެރިންނާއި އެކުގައި ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރު، މުޚުތާރު އަލް ރަހްބީ ގެ އެޑްވައިޒަރަކު ވިދާޅުވެފައިވާ ގޮތުގައި، އޮމާން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ސައުދީ އަރަބިއްޔާ އާއި ހޫތީންނާއި ދެމެދު ކުރެވޭ މަޝްވަރާތަކާއި ގުޅިގެން، އޮމާނުގެ ވަފުދު ސަނާއިން އެނބުރި ގޮސްފައިވަނީ "އުފާވެރި ހަބަރަކާއި" އެކުގައެވެ. އޭނާ ވިދާޅުވެފައިވަނީ ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނެވޭފަދަ ބަދަލެއް ދެފަރާތުގެ ގުޅުމަށް އައިސްފައިވާ ކަމަށެވެ.

މިއީ އެއްމަސް ތެރޭގައި އޮމާނުގެ ވަފުދެއް ސަނާއަށް ޒިޔާރަތް ކުރި ދެވަނަ ފަހަރެވެ. މިދިޔަ މަހު ކުރެވުނު މަޝްވަރާތައްވެސް ހޫތީން ސިފަކޮށްފައިވަނީ ފައިދާހުރި މަޝްވަރާތަކެއްގެ ގޮތުގައެވެ.

ޔަމަނުގެ ސަރުކާރާއި ހޫތީންނާއި ދެމެދު، އދ. މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެވިފައި އޮތް ހަ މަސްދުވަހުގެ އެއްބަސްވުމެއް، މިދިޔަ އޮކްޓޯބަރު މަހު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި މި އެއްބަސްވުން އާކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި 2021 ވަނަ އަހަރުގެ ނިޔަލަށް 377000 މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި، ޔަމަނުގެ އިޤުތިޞާދަށް 126 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. ޔަމަނުގެ އާބާދީގެ ބޮޑު ބައެއް ދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. އދ. އިން ބުނާގޮތުގައި މިއީ ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު އެއް އިންސާނީ އަތި އިޤުތިޞާދީ ކާރިސާއެވެ.