އިސްރާއީލުގެ އެއާލައިންތަކަށް އޮމާންގެ ވައިގެ ސަރަހައްދު ހުޅުވާލައިފިއެވެ.

އޮމާން އިން ބުނެފައިވަނީ އެގައުމުގެ ސިވިލި އޭވިއޭޝަން އިދާރާގެ ޝަރުތުތައް ފުރިހަމަވާ ހުރިހާ ފްލައިޓް ތަކަކަށް އޮމާންގެ ވައިގެ ސަރަހައްދު ހުޅުވާލާފައި ވާކަމަށެވެ. އޮމާންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރި އިއުލާނުގައި ބުނެފައި ވަނީ މިއީ އޮމާންގެ ސަރުކާރުން، 1944 ވަނަ އަހަރުގެ ޗިކާގޯ ކޮންވެންޝަންގެ ޒިންމާތައް ފުރިހަމަ ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެ ގަރާރުގައި ބުނަނީ ބައިނަލް އަގުވާމީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ސިވިލް މަތިންދާ ބޯޓުތަކާއި މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މިއީ އިސްރާއީލުގެ އޭވިއޭޝަން ދާއިރާ އަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. ނަތަންޔާހޫ ބުނެފައި ވަނީ، އިންޑިއާ އަށާއި އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ކުރުމަށް އޮމާންގެ ވައިގެ ސަރަހައްދު ހުޅުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އިސްރާއީލުގެ ހާރިޖީ ވަޒީރު އެލީ ކޯހެން ވެސް ވަނީ މި ނިންމުމަށް އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިޤު އަލް ސައީދަށް ޝުކުރު އަދާކޮށްފައެވެ.

"މިއީ އިސްރާއީލުގެ އިގުތިޞާދަށާއި، އިސްރާއީލުގެ ދަތުރުވެރިންނަށް ތާރީހީ އަދި ވަރަށް މުހިންމު ނިންމުމެއް." ކޯހެން ބުނެފައިވެއެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އިސްރާއީލުގެ އެއާލައިންތަކަށް ދީފައެވެ. ނަމަވެސް އޮމާންގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އޭޝިއާ އަށް ދަތުރު ކުރާ ސީދާ މަގު އިސްރާއީލުގެ ފްލައިޓް ތަކަކަށް ބޭނުމެއް ނުކުރެވެއެވެ. ސައުދީގެ ނިންމުން އައިސްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ އަހަރު އެ ސަރަހައްދަށް ކުރެއްވި ދަތރުފުޅަށް ފަހުގައެވެ.

މިދެގައުމުގެ ވައިގެ ސަރަހައްދު ހުޅުވާލުމުން އިސްރާއީލުން އިންޑިއާ އަދި ތައިލެންޑް ފަދަ އޭޝިއާގެ މަންޒިލްތަކަށް ކުޜާ ދަތުރުތައް ގާތްގަނޑަކަށް ދެ ގަޑިއިރު އަވަސްވެގެން ދާނެއެވެ.

އިސްރާއީލާއި އޮމާން އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯވެއެވެ. ނަމަވެސް އެގައުމާއި އިސްރާއީލާއި މެދު އޮންނަ ގުޅުންތައް މާ ބޮޑަށް ފޮރުވަން ނޫޅޭ ގައުމެއްގެ ގޮތުގައި އޮމާން ފާހަގަ ކުރެވެއެވެ.

2018 ވަނަ އަހަރު، އޭރުގެ ސުލްތާން ޤަބޫސް ގެ ވެރިކަމުގައި ނަތަންޔާހޫ ވަނީ މަސްކެޓް އަށްވެސް ގޮސްފައެވެ. އަދި 2020 ވަނަ އަހަރު އަބްރަހަމް އެކޯޑްސްގެ ދަށުން ޔޫއޭއީ އާއި ބަހްރެއިނުން، އިސްރާއީލާއި އެކު ގުޅުންތައް އިއާދަކުރުމުން، އެ ދެގައުމަށް މަރުހަބާ ކީ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައިވެސް އޮމާން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އިއްޔެވެސް އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް 10 މީހުން ޝަހީދުކޮށްލި. އަޅެ ޢަރަބި ވެރިން މި ތިބެނީ ކޯންޗެއް ބޮއިގެންތަ؟

  2. އާދަނާ

    އޮމާންއަށް ހަލާލުހުރި، އަހަރަމެންގެ އަހުންކަތިލަމުންދާ ކުއްތާއިންތަކަށް އެހީވުން އެއީ ބަލައިގަނަވޭނެކަމެއްނޫން، ސައުދީއަކީި މިހާރު މުސްލިމުންނަށް ޖެހިފަވާބޮޑުދުއްޕާނެއް، ސައުދީގެ ވަލީއަހްދު މުހަންމަދަށް ހާކުހުރި،އޭނަގެ ކަންތައްތައްހަލަކު ކުރަ