ލަންކާގައި އެތަށް އައިޑީކާޑު ދިނުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަންކާގެ އެތްތަކަށް އައިޑީކާޑު ދޫކުރަން ނިންމާފައި ވަނީ އެތައް އަނިޔާ ކުރުމާއި އެތާއި މެދު އިހާނެތިކޮށް ކަންތައް ކުރުން ހުއްޓުވުމުގެ ގޮތުންނެވެ. ލަންކާގައި ބުދިސްޓުން ގަބޫލުކުރާ ގޮތުން އެތަކީ މާތް އެއްޗެކެވެ. އެތް ގެންގުޅޭ މީހުން އެ އޮޅުކޮށްގެން ގެންގުޅޭ އިރު އެ އެއްޗެހީގެ ހާލަތު ހުންނަނީ އެންމެ އެކަށީގެންވާ ގޮތުގައި ކަމާއި މެދު ލަންކާގެ ބުދިސްޓުން ވަނީ ސުވާލު އުފައްދާފައެވެ.

އެތްތައް ހިފައިގެން ނޫނީ އޮޅުކޮށްގެން ގެންގުޅޭ ނަމަ ލަންކާގައި މީގެ ފަހުން އެފަދަ އެތްތަކަށް ބައޯމެޓްރިކް އައިޑެންޓިޓީ ކާޑެއް ދިނުމަށް ވަނީ ނިންމާފައެވެ. މަސްތުގެ ހާލުގައި ތިބެ އެތަށް އަރައިގެން އެތް ދުއްވުން ވެސް ލަންކާގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފައެވެ.

މިގޮތަށް އަމަލުކުރަން ނިންމާފައި ވަނީ ލަންކާގެ ޖަނަވާރުތައް ހިމާޔަތްކުރަން ވަރަށް ބޮޑު ފިޔަވަޅުތަކަކާއި އެކު އެކުލަވާލި އާ ގާނޫނެއްގެ ދަށުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނަމަ ލަންކާގައި 200އެއްހާ އެތް އޮޅުކޮށްގެން ގެންގުޅެއެވެ.

އާއްމުގޮތެއްގައި އެތް ގެންގުޅެނީ މުއްސަނދިންނާއި ފާދިރީންނެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވަނީ 2019 ވަނަ އަހަރު ބުދިސްޓުންތަކެއް 70 އަހަރުގެ އެތެއް ލައްވާ ތަކުރާރުކޮށް ހިނގުވުމުން އެތަށް އަނިޔާވެ އެ އެތް މަރުވި މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށެވެ. ޖަނަވާރުގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކުން ވަނީ އެ މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެތަށް ހިމާޔަތް ހޯދާ ދިނުމަށް ގޮވާލާފައެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކޮންމެ ހަ މަހަކުން އެއް ފަހަރު އެތުގެ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭނެއެވެ. އެއީ އެތުގެ ސިއްހަތު ރަނގަޅަށް ބަލަހައްޓާފައިވާކަން ޔަގީން ކުރުމަށެވެ.