ހަރިކޭން އިދާ އެމެރިކާއަށް އަރައި އޭގެ ސަބަބުން އެކަކު މަރުވެ، ނިއު އޯލީންސް ސިޓީން ކަރަންޓު ކެނޑިއްޖެއެވެ.

ހަރިކޭން އިދާ އަކީ އެމެރިކާއަށް އެރި ބާރުގަދަ ތޫފާންތަކުގެ ތެރެއިން ގުނާލެވޭ ތޫފާނަކަށް މި ވަނީ ވެފައެވެ. އޭގެ ސަބަބުން ނިއު އޯލީންސް ސަރަހައްދުން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ފުލުހުންނާއި ހަވާލާދީ މީޑިއާ ތަކުން ބުނާގޮތުން މި މީހާ މަރުވެފައިވަނީ ގައިމައްޗަށް ގަހެއް ވެއްޓި ޒަހަމްވުމުގެ ސަބަބުންނެވެ.

ކޮވިޑް-19ގެ ހަތަރުވަނަ ރާޅެއް އަރައި ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައި ވަނިކޮށް ތޫފާނާއި ގުޅިގެން ގިނަ ބަޔަކަށް ފަރުވާދޭން ޖެހިފައިވެއެވެ. މި ދަނޑިވަޅުގައި އެ ސިޓީއިން ކަރަންޓުގެ ހިދުމަތް ކެނޑިފައިވުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން މެނުއަލްކޮށް ފަރުވާ ދިނުމުގެ ހުރިހާ މަސައްކަތެއް ކުރަން ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަފާކުރެވޭ ގޮތުގައި މިވަގުތު ނިއު އޯލީންސް ސިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ 2,450 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އައިސީޔޫގައި ފަރުވާ ހޯދަމުންދާ މީހުންނަށް ވާއިރު ކަރަންޓު ކެނޑުމަކީ އެމީހުންގެ ފަރުވާއަށް ކުރިމަތިވެފައިވާ ދަތިކަމެއް ކަމުގައި ސިއްހީ ހިދުމަތްތެރިން ފާހަގަ ކޮށްފައިވެއެވެ.

ލޫސިއާނާގެ ގަވަރުނަރު ޖޯން ބެލް އެޑްވާޑް ވިދާޅުވީ މި ތޫފާނަކީ 1850 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ވަރުގަދަ ތޫފާން ކަމަށެވެ.