އެކި ގައުމުތަކުން އަފްޣާނިސްތާނަށް ފޮނުވާފައިވާ އެހީތައް ބަލައިގަތުމަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓު ހުޅުވާލައިފި ކަމަށް ގަތަރުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވެއްޖެއެވެ.

ގަތަރުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވީ ޓެކްނިކަލް ޓީމަކުން ކާބުލް އެއާޕޯޓު އަލުން ހުޅުވާފައިވާ ކަމަށެވެ. އެހީތައް ލިބިގަތުމަށް ކާބުލްގެ ވައިގެ ބަނދަރު ހުޅުވާލައިފައިވާއިރު، ދާދި އަވަހަށް މަދަނީ ފްލައިޓުތައް އުދުހެން ފަށާނެކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ އަފްޣާނިސްތާނުގެ އިދާރާތަކާއި ގުޅިގެން ކާބުލް އެއާޕޯޓުގެ ރަންވޭ މަރާމާތު ކޮށްފައިވާ ކަމަށެވެ. ކާބުލްގެ ވައިގެ ބަނދަރު އަލުން ހުޅުވުމުން އެކަމުގެ އުފަލުގައި ބަޑި ޖަހައި މިހާތަނަށް 17 މަރުވެފައިވާ ކަމަށް ހޮސްޕިޓަލުތަކާއި ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ތާލިބާނުންގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ކުރެެއްވި ޓްވީޓެއްގައި ވަނީ ބަޑިނުޖެހުމަށް ގޮވާލައިފައެވެ. އަދި ބަޑި ޖެހުމުގެ ސަބަބުން އާންމުންނަށް ގެއްލުންވާ ކަމަށާއި، އެހެން ކަމުން ބަޑި ޖެހުމުގެ ބަދަލުގައި ބަދަލުގައި ޝުކުރުވެރިވުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

ތާލިބާނުން އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާން ސަރުކާރާއި ހަވާލުވުމުގެ ކުރިންވެސް އަފްޣާނިސްތާކަނީ ބޭރު ގައުމުތަކުގެ އެހީތެރިކަމަށް ބަރޯސާވެފައިވާ ގައުމެކެވެ. ތާލިބާނުން އެގައުމުގެ ވެރިކަމާއި ހަވާލުވުމަށް ފަހު އެއާޕޯޓާއި، އެގައުމަށް އެތެރެވެެވެންހުރި ސަރަހައްދީ މަގުތައް ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އެގައުމަށް އެތައް އެހީއެއް ފޯރުކޮށްނުދެވި، ތާށިވެފައިވާ ކަމަށް މީޑިއާތަކުން މީގެ ކުރިން ރިޕޯޓު ކޮށްފައިވެއެވެ.

އދން މީގެ ދެތިން ދުވަސް ކުރިން ނެރުނު ބަޔާނެއްގައިި އަފްޣާނިސްތާނުގައި ކާބޯތަކެތީގެ ކާރިސާއަކާއި ކުރިމަތިލާން ޖެހި، އެގައުމުގެ ގިނަ ބަޔަކު ބަނޑަށް ޖެހިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.