ޖަޕާނުގެ ބޮޑުވަޒީރު ރު ޔޮޝިހިދޭ ސުގާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މީގެ އަހަރެއް ކުރިން ސުގާ ބޮޑުވަޒީރެއްގެ މަގާމަށް އައްޔަން ކޮށްފައިވަނީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޝިންޒޯ އަބޭ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝިންޒޯ އަބޭ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވީ ހާލުކޮޅު ގޯސްވުމާ ގުޅިގެންނެވެ.

ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްްކަވަމުން ސުގާ އިސްތިއުފާ ދެއްވަން ނިންމާފައިވާކަން ވަނީ ހާމަކުރައްްވާފައެވެ. މި ނިންމުން ހާމަކޮށް ސުގާ ވިދާޅުވެފައިވަނީ އޭނާ މިވަގުތު ބޭނުންފުޅުވަނީ ކޮވިޑް-19އާއި ގުޅުންހުރި ފިޔަވަޅުތަކަށް އިސްކަން ދެއްވަން ކަމަކަށެވެ.

ބޮޑުވަޒީރުގެ މަގާމުން މި މަހުގެ 30ވަނަ ދުވަހުގެ ކުރިން އިސްތިއުފާ ދެއްވާނެކަން ސުގާ ހާމަކޮށްފައިވަނީ ކޮވިޑް ކޮންޓްރޯލް ނުވެ ޖަޕާނުގައި ފެތުރެމުންދަނިކޮށް އޮލިމްޕިކްސް ގޭމްތައް އެގައުމުގައި ބޭއްވުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެ، ސުގާއަށް ކުރާ ތާއީދު ބޮޑުތަނަން ދަށްވެފައިވަނިކޮށެވެ.

ޖަޕާނުގައި މިހާރުވެސް ކޮވިޑް ވޭދަނަތައް ފެތުރި، މީގެ ކުރިން ގައުމުގެ ހާލަތު ގޯސްވެފައިނުވާ މިންވަރަށް އެގައުމުގެ ހާލަތު މިދަނޑިވަޅުގައި ގޯސްވެފައިވާކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، އެގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް ހިނގަމުންދާ ދުވެލި މަޑުކަމަށް ބުނެ ޝަކުވާ ކުރާ މީހުންވެސް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮންނިޗިވާ

    މިރާއްޖޭގައި އެބައުޅޭ ބޮޑުވަޒީރުކަން ބޭނުންވެގެން ބުއްޅަބޭ ކިޔާމީހަކު. އޭނާގެންދޭ ޖަޕާނަށް ބޮޑުވަޒީރަކަށްލާން. ވަރަށްފައްކާވާނެ.