މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ބަލި ޖެހިގެން 15 މިލިއަން މީހުން މަރުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ކޮވިޑް ބަލީގައި މިހާރު މަރުވެފައިވާ މީހުންނަށްވުރެ ތިންގުނަ އިތުރަށްވެސް މީހުން މަރުވެދާނެއެވެ. އަދި ދުނިޔޭގެ އާބާދީ ބޮޑެތި ގައުމުތައް ކަމަށްވާ ޗައިނާ، އެމެރިކާ އަދި ރަޝިޔާއިން ގުނައި އަދަދު ނުކުރެވޭ ވަރަށް މީހުން މަރުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ކޮވިޑް ފެތުރިފައިވާއިރު ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ އަސްލު އަދަދެއް އަދިވެސް ނޭނގެއެވެ. އެއީ ހޮސްޕިޓަލްތަކުގައި މަރުވާ މީހުންނާއި ހޮސްޕިޓަލާ ހަމައަށް ނުދެވެނީސް މަރުވާ މީހުން ބައެއް ފަހަރު ރިކޯޑު ނުކުރެވެއެވެ.

އެމެރިކާ އަކީ ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި އެއް ގައުމަށްވާއިރު އެ ގައުމުން ކޮވިޑް ވެކްސިން ޖެހުމާއި ދެކޮޅު ހެދި އެތައް ހާސް ބަޔަކު އެބަ ތިއްބެވެ. ދުނިޔޭގެ އެތައް ގައުމެއްގައި ކޮވިޑްގެ އިތުރު ރާޅުތައް ނަގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެތައް ގައުމަކަށް ވެކްސިން ލިބުމުގައިވެސް ދަތިތަކެއް އެބަ ހުއްޓެވެ.

ބައެއް ގައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލިޖެހޭ މީހުންގެ ހާލަތު ހީނުކުރާހާވަރަށް ގޯސްވިއެވެ. އެފަދަ ގައުމުތަކުން އޮކްސިޖަން ހުސްވެ ހޮސްޕިޓަލްތަކުގެ އެނދުވެސް ހުސްވިކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 އަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުގެ އެއްގަމު މަސްވިއްކާ މާރުކޭޓަކުން ފެނުނު ވައިރަހެކެވެ. ވުހާން އިން މި ވައިރަސް ޗައިނާގެ އެކި ހިސާބުތަކަށް ފެތުރި އޭގެ ފަހުން ދުނިޔޭގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރުނެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީ އިން ހާމަކޮށްފައިވާ ކޮވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް ޖެހިގެން 219 މިލިއަން މީހުން ވަނީ ރިކޯޑް ކުރެވިފަ އެވެ. ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދު އުޅެނީ 4.55 މިލިއަންގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލި ފުތާ

    ބުހުތާން ދޮގު.
    އެއްވެސް ބަޔަކަށް ވާނެ އެއްޗެއް ނޭނގޭނެ. އެއީ ޢައިބުގެ އިލްމު.
    މޮޑެލް ކޮށްގެން ކުރާ އަންދާސާ އަކީ މޮޑެލް ކުރާ މީހާ ބޭނުން ނަތީޖާ އެއް ނެރެވިދާނެ އެއްޗެއް.

    1
    1
    • ފުތާ

      އެމީހުން ޖަހަނީ ހިސާބު. އެއީ ޣައިބު އެނގޭ ކަމަށް ދައުވާ ކުރުމެއް ނޫން. އެތައް ކަންކަމެއް ހިސާބުޖަހައިގެން އެ ނިކުންނަނީ ދީނީ ގޮތުން ބެލިއަސް ނަތީޖާ ނިކުންނަން އަންނަ ގޮތަށް. ވަބާއަކީ އެތައް މިލިއަން މީހުން އޭގައި މަރުވެގެންދާނެ އެއްޗެއް. ދުނިޔަވީ ގޮތުން މީހުން ބަލާނީ މާސްކްނާޅާ ކަމާ ދުރުމިން ނުބަހައްޓާ ކަމާ ފަރުވާ ނުދެވޭ ކަމާ ވެކްސިން ނުޖެހޭ ކަމާ ވެކްސިނާ ދެކޮޅު މީހުން ތިބުމާ މިހިރަ މިހިރަ ކަހަލަ ކަންކަން. ދީނީ ނަޒަރުން ބަލާއިރު ވަބާއަކީ އިމްތިހާނެއް އަދި ދުނިޔޭގެ ފަހު ޒަމާނަށް މާތްﷲ ފޮނުއްވި ޕްލޭނެއް. މަންޒަރު ދައްކަނީ މި ވަބާގަ އާ އެހެން ގޮތްގޮތުން ދުނިޔޭގެ އާބާދީ ކުޑަވެދާނެކަން. ކުރިން އައި ވަބާ ތަކަކީވެސް ދުނިޔޭގެ އާބާދީ ދެބައިކޮށްފަ އެއްބަޔަށް ތިރިކުރި ކަންކަން. ކޮންމެ ގޮތަކަށް ލަފާކޮށްގެންވިއަސް ވާނެ ގޮތުގެ ހަގީގަތް ކިޔައިދޭނެ މީހުން ތިބޭނެ. އެ ގަބޫލުކުރެވޭނީ އެއްބަޔަކަށް.