އަފްޣާނިސްތާންގެ ސަގާފަތާއި ދީނީ ކަންކަން އޮންނަ ގޮތައް ބަލާފައި އަންހެނުންނާއި މެދު އަމަލު ކުރާ ގޮތް އެއީ އެމެރިކާ އާއި ބެހޭ ކަމެއް ނޫން ކަމަށާއި އަފްޣާނިސްތާންގެ ސަގާފަތާއި އާދަކާދަތައް ބަދަލު ކުރަން އެމެރިކާއަށް ބާރުނުފޯރުވޭނެ ކަމަށް ޠާލިބާނުން ބުނެފިއެވެ.

ޠާލިބާނުން މިހެން ބުނީ އަފްޣާނިސްތާންގެ އަންހެން ކުދިން ތައުލީމް ހާސިލް ކުރަން ދާއިރު އަދި އަންހެނުން ވަޒީފާ އަށް ދާއިރު ބުރުގާ އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށް އެމެރިކާ އިން ބުނުމުންނެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން އަނބުރާ ހޯދުމާއިއެކު އަފްޣާނިސްތާންގައި އަންހެނުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެ ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ޠާލިބާނުން ތަކުރާރުކޮށް ބުނަމުން އަންނަނީ އަންހެނުންގެ ހައްގުތައް އެޖަމާއަތުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

ޠާލިބާނުންގެ ތަރުޖަމާން ސުހައިލް ޝާހީން އެމެރިކާގެ "ފޮކްސް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ ބުރުގާ އަޅައިގެން އަންހެނުން ތައުލީމް ހާސިލް ކުރަން ދާންށާއި ވަޒީފާ އަދާކުރަން ދާން އެންގުން އެއީ އަންހެނުންގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. "އެކަން ބަދަލުކުރަން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަކަށް ނޭނގޭނެ. އެއީ އަފްޣާނިސްތާންގެ އާދަކާދަ އާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. އެއްވެސް ބައެއްގެ އާދަކާދަ އާއި ސަގާފަތް ބަދަލު ކުރަން އެހެން ބަޔަކަށް ނޭނގޭނެ." ސުހައިލް ބުންޏެވެ.

ސުހައިލް ބުނީ އެމެރިކާ އިން އަފްޣާނިސްތާން އަޅުވެތިކޮށްގެން ހިނގި ކަންކަން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އަފްޣާނިސްތާން ރައްޔިތުން އެޗެޕްޓަރު މިހާރު ލައްޕާލާފައިވާ ކަމަށެވެ. "ދެން އޮތީ ކުރިއަށް ދިއުން. ކުރިއަށް ދިއުމުގެ މަސައްކަތް މިހާރު އަފްޣާނިސްތާން ރައްޔިތުން ދަނީ ކުރަމުން." ސުހައިލް ބުންޏެވެ.

އަފްޣާނިސްތާންގައި އާސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ޠާލިބާނުން އަންނަނީ ކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޠާލިބާނުން އެކުލަވާލާ ސަރުކާރުގައި 25 މިނިސްޓްރީ ހުންނާނެއެވެ. މިނިސްޓަރުންގެ ގޮތުގައި ގިނައިން އައްޔަން ކުރާނީ އިސްލާމީ އިލްމުވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޠާލިބާނުންގެ ފަރާތުން އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވާނީ މުއްލާ އަބްދުލްޣަނީ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އޭނާ އަކީ ޠާލިބާން ޖަމާއަތް ފުރަތަމަ އުފެއްދިއިރު ވެސް އިސްކޮށް ހުރި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢާދަނުބެ

    މިހައުމުގަ ނަމަ އެމެރިކާ ބުނާގޮތެއް ހަދާނެ މިހާރުވެސް އެމަންޒަރު ފެނިގެން މިދަނީ ބެރުފަރާތްތަށް ރުއްސުމަށް ހަހަރުމެންގެ ދީނާ ސަގާފަތް މުގުރަމުން ދަނީ މި ގައުމުގެ ވެރިން

    43
    6
  2. Anonymous

    އެމެރިކާއަކައް ނޭގޭނެ އަފްގާން ގައި ކަންކަން ކުރަންޖެހޭ ގޮތެއް

    41
    5
  3. މަހަށްދޭބަލަ

    އެމެރިކާ އަށް ނޫން އަފްއާނުގައި ކަންކަން ކުރަން ޖެހޭ ގޮތް އިނގޭނީ ތިޔާއީ މިގައުމުގައި އިންޑިއާ އާލާތުން ތިބެގެން އެއާލާތުން މިރާއްޖޭގައި މިހާރު އޮތް އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރު ހިންގާ ގޮތަށް އަފްއާން އޮޕަރޭޓް ކުރަން އެމެރިކާ އުޅޭނެ ކަމެއް ނެތޭ އެމެރިކާ ތިޔާ އޮތީ ބަލިވެފައޭ އެމެރިކާ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    30
    2
  4. މިހާރު

    ޥ ރަނގަޅު، ސާބަހޭ ތާލިބާނުން.

    36
    5
  5. Anonymous

    މުސްލިމު ފަހުލަވާނުން ތިބޭނީ ތިހެން. ކެރިގެން. ޒައިނިސްޓުންނާ ޖައްލާދު މީދީއަށް ހެއްލޭނީ ގައުމުތަކުގަ ތިބޭ ފަނިފަކުސާފަދަ ދަށުދަރަޖައިގެ ވެރިން.

  6. ބުހާރީ

    ކަލޭމެން ގައުމެއްގެ ވެރިކަން ފޭރިގަނެގެން އެގައުމުގެ އަންހެނުން އުޅެންޖެހޭ ގޮތް ކިއުމަކީ އެމެރިކާއިން ކަލޭމެންގެ އަންހެނުން އުޅެންޖެހޭ ގޮތްކިއުމާ ދާދި އެއްގޮތް ކަމެއް

    3
    11
  7. ހޫ

    އަންހެނުން އުޅެންޖެހޭގޮތް އެނގޭނީ އަންހެނުންނަށް ތާލިބާނުން އަދި އެމެރިކާއަކަށް ނޫން.

    3
    6
    • ހޯދާ ބަލާ

      އަންހެނުން އުޅެންޖެހޭ ގޮތް އަންހެނުން ހެއްދެވި ފަރާތުން ވަނީ އަންގަވާފަ.

      11