ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަމުންދާ އަދަދަށް ބަލާއިރު އަދިވެސް ވެކްސިން އެންމެ ގިނައިން ޖަހާފައިވާ ގައުމުތަކުގައި ވެސް ކޮވިޑް ކޮންޓްރޯލް ވަމުންނެއް ނުދެއެވެ. ދެޑޯޒް އިން ވެކްސިން ފުރިހަމަ ކުރުމުން ވެސް ކޮވިޑް ޖެހޭތީ ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ތިން ވަނަ ޑޯޒެއް ދޭން ފަށާފައެވެ. އަދި ހަތަރު ވަނަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމުގެ އަޑުތައް ވެސް މިހާރު ގަދަވާން ފަށައިފިއެވެ.

އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައިވާ އެއްގައުމު ކަމަށްވާ އިސްރާއީލްގެ ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑުން ދިފާއުވުމަށް ހަތަވަނަ ޑޯޒެއްގެ ވެކްސިން ޖަހަން ތައްޔާރުވާން އެބަޖެހެއެވެ.

އިސްރާއީލުން މިހާރު ވެސް ވަނީ އެގައުމުގެ 2.5 މިލިއަން މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދީފައެވެ. ނަމަވެސް އަދިވެސް އެގައުމުގައި ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. އެހެންކަމުން ވެކްސިންގެ ހަތަރުވަނަ ޑޯޒަކާއި މެދު މިހާރު ވިސްނަން ޖެހިފައިވާ ކަމަށް އިސްރާއީލްގެ ތަޖުރިބާކާރުން ބުނެއެވެ.

އިސްރާއީލްގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނިންމާ ޓާސްކްފޯސްގެ އިސްވެރިޔާ ސަލްމާން ޒަލްކާ ބުނީ ކޮވިޑްގެ ވޭރިއަންޓްތަކުގެ ސަބަބުން އަދިވެސް އިތުރު ބޫސްޓާ ޝޮޓެއް ޖަހަން ޖެހުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ. އިސްރާއީލްގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ވެކްސިން ފުރިހަމަ ކުރުމުން ވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކަމަށް އޭނާ ބުނެއެވެ.

މުއްސަނދި ގައުމުތަކުން މިހާރު ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖަހަން މަޝްވަރާތައް ކުރަމުން ގެންދިޔަ ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވެކްސިންގެ ތިން ވަނަ ޑޯޒެއް މުއްސަނދި ގައުމުތަކުން ގަތުމުގެ ބަދަލުގައި ވެކްސިން ގަތުމުގެ ފުރުސަތު ތަރައްގީވަމުން އަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށް ދޭން ޖެހޭ ކަމަށެވެ. މުއްސަނދި ގިނަ ގައުމުތަކުގެ އާބާދީގެ %50 އަށް މިހާރު ވެކްސިން ދީފައި ވީނަމަވެސް މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވަނީ %27 މީހުންނެވެ.

ކޮވިޑް ވެކްސިން ގިނަ ގައުމުތަކެއްގައި ވަރަށް ހަލުވިކަމާއިއެކު ދެމުން ގެންދިޔަ ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް އަދި ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޠ

    މަރުވަންދެން ޖަހާލަ ޖަހާލަތިބެން ދެން ޖެހޭނީ

  2. ނަމަނަމަ

    ކޮބާ މީ އަހަރެމެން މި ބުނާ ވާހަކަ.

    މި ކަމެއް ކޮށްފިއްޔާ މިކަމުން ސަލާމަތް ނުވާނެ.

  3. އަހުމަދު

    ތި ދެން އަރަތެއްނު؟ ތި ނުވެއެއްނު ވެކްސިނަކަށް