ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް އެބޭފުޅުންގެ ތުއްޕުޅު ދަރިކަނބަލުން ލިލީބެޓް "ލިލީ" ޑިޔާނާ މައިންޓްބެޓެން ވިންސާ އާއިއެކު ރާނީ އެލިޒަބަތް އާއި ބައްދަލުކުރުމަށް އެދިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާނީ އެލިޒަބަތް އާއި ބައްދަލު ކުރުމަށް ހެރީ އާއި މޭގަން އެދިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އުފަންވި އެމީހުންގެ އަންހެން ދަރިފުޅު ދައްކާލުމަށެވެ.

އެހެން ނަމަވެސް އިތުބާރު ހިފާ މަސްދަރަކާއި ހަވާލާދީ "ދަސަން" އިން ބުނެފައިވަނީ އެފަދަ ބައްދަލުމެއް ހަމަ ޖެހިފައި ނުވާ ކަމަށާއި އެފަދަ ވާހަކަތަކަކާއި ގުޅިގެން ޝާހީ އާއިލާގެ މެމްބަރުންނަށް "ޝޮކެއް" ލިބިފައިވާ ކަމަށެވެ.

"ހެރީ އާއި މޭގަން ވަނީ އެފަދަ އޮފާ އެއް ހުށަހަޅާފައި ބައްދަލުކުރަން. އެއީ ގިނަ ބަޔަކު ޝޮކެއްގައި ތިބި ކަމަކީ. އެގޮތަށް ރާނީ އާއި ބައްދަލުކުރަން އެދުނު ނަމަވެސް އެހެން މީހުން ރަނީ އާއި މެދު ކަންތައް ކުރިގޮތް ވެސް ހަނދާން ހުންނާނެ" ދަސަން އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ހެރީ އާއި މޭގަން ރާނީ އާއި ބައްދަލު ކުރުމަށް އެދުނު ނަމަވެސް، އަދި އެކަމާއި ގުޅިން ރާނީ ވަކި އެއްޗެކޭ ބުނެފައި ނުވާ ކަމަށް ދަސަން އިން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ނަމަވެސް ކްރިސްމަސްއާއި ގުޅިގެން ހެރީ އާއި މޭގަން ގެނައުމަށް ދައުވަތު އެރުވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.