މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ދުނިޔެއިން ފެނުމުގެ ދެ ހަފްތާ ކުރިން ބަލީގެ ހަގީގަތް އެނގުނު ކަމަށް އެމެރިކާގެ ސައިންސްވެރިއަކު ބުނެފިއެވެ.

ދުނިޔޭގެ ސައިންސްވެރިންގެ ތެރޭގައި މަގުބޫލު ކަމެއް ލިބިފައިވާ ގިނަ ބަޔަކު ދަންނަ ލަން ލިޕްކިން ބުނެފައިވަނީ އޭނާއަށް އެންމެ ފުރަތަމަ ކޮވިޑް ބަލިމަޑު ކަމުގެ މައުލޫމާތު ލިބިފައިވަނީ ދުނިޔެއަށް އެކަން އެނގުމުގެ ދެ ހަފްތާ ކުރިން ކަމަށާއި އެކަން ކުރިމަތިވެފައިވަނީ ވުހާނުން ކަމަށެވެ.

ލިޕްކިން އަކީ ކޮލަމްބިއާގެ ޔުނިވާސިޓީއެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ކޮވިޑް އާއި ގުޅޭ މައުލޫމާތު އޭނާ އަށް އެނގުމުގެ އިތުރު ޗައިނާއިން ވަނީ ބަލި މަޑުކަން ފެތުރުނު ފުރަތަމަ ދުވަސްކޮޅު އޭނާ ކޮށްދެއްވާފައިވާ މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ.

އާއްމުވެފައިވާ ޑޯކިއުމެންޓްރީއެއްގައި އޭނާ ބުނެފައިވަނީ އެ ހުރިހާ ކަމެއްގެ މައުލޫމާތު އޭނާއަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު އެނގުނު ކަމަށެވެ. އޭގެ ފަހުން އެންމެ ފުރަތަމަ ބައްޔަށް މީހަކު ފައްސިވެފައިވާކަން އެނގިފައިވަނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އެއީ ދުނިޔެއިން ކޮވިޑް ފެނުނު ފުރަތަމަ ދުވަސް ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް އެކަން އެނގިފައިވަނީ އޭގެ 16 ދުވަސް ފަހުން ތައިވާނުން އެކަން ހިއްސާ ކުރުމުން ކަމަށް ވެސް އެ ޑޮކިއުމެންޓްރީގައި ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އެ މުއްދަތު ލަސްވެގެން ދިއުން ވެގެން ދިޔައީ ބަލި އެންމެ ހަލުވި ކަމާއި އެކީ ފެތުރެން ފެށި އެއް ސަބަބު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ބެއިޖިންގުން އެކަން ސިއްރު ކުރުމަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން ތަފާސްހިސާބުތައް ފޮރުވައި، ޑޮކްޓަރުންގެ އަނގަ ބަންދުކޮށް ނޫސްވެރިން ޖަލަށް ލައި ކަންތައް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުމާ

    ޕުރޮޕެގެންޑާ.

    15
    1
  2. އިންސްޕެކްޓަރ

    ދޮގުވިޑު