އަފްޣާނިސްތާންގައި ވެރިކަން ކުރުމަށް ޠާލިބާނުން އެކުލަވާލި ސަރުކާރުގައި އިންޓީރިއާ މިނިސްޓަރަކަށް، އެމެރިކާ އިން ހޯދަން ބޭނުން ވެގެން އިއުލާން ކޮށްފައިވާ ލިސްޓްގެ ކުރީގައި ހިމެނޭ ސިރާޖުއްދީން ޙައްޤާނީ އައްޔަން ކޮށްފިއެވެ.

އޭނާ އަކީ ޠާލިބާނުންނަށް ބައިއަތު ހިފާފައިވާ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ޙައްޤާނީ ޖަމާއަތުގެ އެންމެ އިސް ލީޑަރެވެ.

އަފްޣާނިސްތާންގައި ތަފާތު އެކި ފަހަރުމަތިން އެކި ހަމަލާތައްދީ ގިނަ ބަޔަކު މަރާލި އެތައް ހަމަލާއެއް ދިނުމުގެ ފަހަތުގައި ހުރި ކަމަށް ސިރާޖުއްދީންގެ މައްޗަށް ތުހުމަތު ކުރެވެއެވެ. އެމެރިކާ އިން އޭނާ އަށް މުހާތަބު ކުރަނީ ވެސް "ބައިނަލްއަޤުވާމީ ނިރުބަވެރިޔާ" ނަމުންނެވެ. އެމެރިކާ އިން ވަނީ އޭނާގެ ބޮލަށް ފަސް މިލިއަން ޑޮލަރު ހުށަހަޅާފައެވެ. އެއީ ކާބުލްގެ ހޮޓަލެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއް ރޭވިކަމަށް ތުހުމަތު ކޮށްގެންނެވެ.

ޠާލިބާން ޖަމާއަތުގެ ލީޑަރުގެ ދެނައިބުންގެ ތެރެއިން އެއްނައިބަކީ ސިއްރާޖުއްދީން ޙައްޤާނީއެވެ. އޭނާ ޠާލިބާނުންގެ ލީޑަރުގެ ނައިބަކަށް އައްޔަން ކުރީ 2016 ވަނަ އަހަރުގެ މެއި މަހުއެވެ. އޭގެ ފަހުން ޠާލިބާނުން ހިންގި އަސްކަރީ ގިނަ އޮޕަރޭޝަންތަކުގައި އެންމެ އިސް މީހެއްގެ ގޮތުގައި ހަމަލާތައް ރޭވުމުގެ ކަންކަން ކުރީ ސިރާޖުއްދީން ޙައްޤާނީ ކަމަށް ތުހުމަތު ކުރެވެއެވެ.

ޙައްޤާނީ ނެޓްވޯކަކީ ސިރާޖުއްދީން ޙައްޤާނީގެ ބައްޕަ ޖަލާލުއްދީން ޙައްޤާނީ ފުރަތަމަ އުފެއްދި ޖަމާއަތެކެވެ. ސިއްރާޖުއްދީން ޙައްޤާނީ އެޖަމާއަތުގެ ލީޑަރު ކަމާއި ހަވާލުވީ އޭނާގެ ބައްޕަ މަރުވުމުންނެވެ.

ސިރާޖުއްދީން ޙައްޤާނީ އޭނާގެ ޅަފުރައިގެ ދުވަސްތައް ހޭދަކުރީ ޕާކިސްތާންގައެވެ. އޭނާ ވަނީ ޠާލިބާން ޖަމާއަތުގެ އެތައް މަގާމެއް މީގެ ކުރިން އަދާކޮށްފައެވެ. އެހެންކަމުން އޭނާ އަކީ ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާއި އަދި ޖަމާއަތުގެ ލީޑަރުންގެ ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ މީހެކެވެ.

ސިރާޖުއްދީން ޙައްޤާނީ އިންޓީރިއާ މިނިސްޓަރަކަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެމެރިކާ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. .....

    އެފް އައި އެއީ މާ މަތީ ބަޔަކަށް ހަދައިގެން އުޅެނީ އާހިރަތަށްވުރެ ދުނިޔެ އިސްކުރާ މީހުން އެކަނި...އެފް ބީ އައި އެއީ ކާފަރުންގެ ޖަމާއަތެއް...ތާލިބާނުން އެއީ މުސްލިމުންގެ ޖަމާއަތެއް

    13
    2
  2. ސޫދު

    އެފްބީއައިން ހޯދާބަލަ، ދުނިޔޭގެ އެތަކެއް މުސްލުމުންނެތް މަރާފައިވާ އެމެރިކާގެ ސިޔާސީ ވެރިންނާ އަސްކަރީ ވެރިން. ކިހާބޮޑު މުސީބާތެއް ޖެހިފައި މިއޮތީ އެމެރިކާއާހުރެ

    15
    3
  3. ރަން ރީނދޫ

    މި ރާއްޖޭގައި 15 އަންހެނުން ރޭޕް ކު ރީ މީހަކުވެސް ކެބިނެޓްގަ އުޅުނު.