އަފްޣާނިސްތާނުގެ ކުރީ ސަރުކާރުގެ ވެރިންގެ ގެތަކުން 12 މިލިއަން ޑޮލަރު ހޯދައި ތާލިބާނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސަރުކާރުގެ ވެރިންގެ ގެތަކުން ތާލިބާނުން ހޯދި 12 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި ރަން މަރުކަޒީ ބޭންކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބޮޑު އަދަދެއް ފެނުނީ ކުރީގެ ނައިބު ރައީސް އަމްރުﷲ ސާލިހްގެ ގެކޮޅުންނެވެ.

ކުރީ ސަރުކާރުގެ އިސް ބޭފުޅުންގެ ގެތަކުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާއިރު، އެއީ ކޮން ބޭނުމެއްގައި ރައްކާ ކޮށްފައިވާ ފައިސާ ކަމެއް ހޯދިފައެއް ނުވެއެވެ.

ބޭރުގެ އެހީތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާން ޖަމާއަތުން ދެވަނަ ފަހަރަށް ހަވާލުވުމާއެކު އެގައުމުގައި ބޭރުގެ ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައެެވެ. ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ވެސް ނުދެވިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެެވެ. މުސާރަތައް ނުދެވި މަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އެގައުމުގައި އެތައް މިލިއަން ބަޔަކު ދިރިއުޅެމުން އަންނަނީ ދަތި ހާލުގައެވެ.

މަހުން މަހަށް މުސާރަ ނުދެވުމުގެ އިތުރުން ބޭންކުގައި މީހުން ރައްކާކޮށްފައި ހުރި ފައިސާ ނެގުމުގައި ވެސް ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ފައިސާގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން އެގައުމުގައި ވަނީ ދުވާލެއްގެ މައްޗަށް މީހަކަށް 200 އެމެރިކާ ޑޮލަރު ނެގޭ ގޮތަށް ހަމަޖައްސާފައެެވެ.

ތާލިބާނުން އެގައުމުގެ ވެރިކަމާއި ހަވާލުވުމާ ގުޅިގެން ބޭރުގެ ގިނަ އެހީތަކެއް ވެސް ކަނޑާލައިފައިވާކަން ފާހަގަ ކޮށްލެވެއެވެ.