އަފްޣާނިސްތާނުގައި ސުލްހަ ގާއިމްކޮށް، ގައުމު ތަރައްގީކުރުމާއި އާރާސްތުކުރުމަށް އދން ޔުނައިޓަޑު ނޭޝަންސް އެސިސްޓަންސް މިޝަން އިން އަފްޣާނިސްތާން،، "އުނަމާ"ގެ ނަމުގައި ހިންގަމުން އަންނަ މިޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި މިޝަންގެ މުއްދަތު އިތުރު ކޮށްފައިވަނީ އިތުރު ހަ މަސް ދުވަހަށެވެ. އެހެންކަމުން މިޝަން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވަނީ 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުއެވެ.

އުނަމާގެ މުއްދަތު އިތުރުކުރުމަށް ފާސްކުރުމަށްފަހު 15 މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހުންވަނީ އަފްޣާނިސްތާނުގެ ސިޔާސީ ހާލަތާއި، ސަލާމަތީ ހާލަތާއި، އާންމު އަދި މާލީ ހާލަތު ވަޒަންކުރުމަށްފަހު ދެން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުއްވުމަށް އދގެ ސެކެޓްރީ ޖެނެރަލް އެންތޮނިޔޯ ގުތެހޭޝްގެ ކިބައިން އެދިފައެވެ.

އެސްޓޯނޮޔާއާއި ނޯވޭ އިސްވެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ގޮވާލާފައިވަނީ އެންމެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް އަފްޣާނިސްތާނުގައި ގާއިމުކުރުމަށާއި، އަންހެނުންނާއި، ކުޑަކުދިންނާއި، ބައިމަދު ނަސްލުތަކަށް ނިސްބަތްވާ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށެވެ.

މިފަދައިން ގޮވާލައިފައިވާއިރު، ތާލިބާނުން އެގައުމުގައި އާ ސަރުކާރެއް ގާއިމްކޮށް، ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރުމުގައި ކަނބަލުންނަށް ފުރުސަތު ދީފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމަށް ފަހު އެގައުމުން މީހުން ފޭބުން މަނާކުރުމާއި ގުޅިގެން އދގެ މަޖިލީހުން ވަނީ އެގައުމުގެ މީހުން ގައުމު ދޫކޮށް ދިއުމުގެ މިނިވަންކަން ދިނުމަށް ވެސް ގޮވާލައިފައެވެ. އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުން ހުކުރު ދުވަހު އާންމުކުރި ސަލާމަތީ މަޖިލީހުގެ ނިންމުމުގައި އަފްޣާނިސްތާނުގައި ސަލާމަތާއި އަމަންއަމާންކަން ގާއިމުކުރުމަށް އދން މުހިންމު ދައުރެއް އަދާކުރުމަށްވެސް ފާސްކޮށްފައިވެއެވެ.