ޔަލްދާ އަލީ އަކީ އަފްޣާނިސްތާން ނޫސްވެރިއެކެވެ. ޓީވީ ޕްރެޒެންޓަރެކެވެ. އޭނާ އަފްޣާނިސްތާނަށް މަޝްހޫރުވެފައި ވަނީ އެންމެ ހެނދުނު އަފްޣާނިސްތާންގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ މެހެމާނުގެ ގޮތުގައެވެ. ހެނދުނު އޭނާ ގެނެސްދޭ ޓީވީ ޝޯގެ ސަބަބުން ޔަލްދާ މަޝްހޫރު ވެފައި އޮންނަނީ ވެސް "އަރައިގެން އަންނަ އިރު"ގެ ނަމުންނެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ކޮންޓްރޯލް ނެގުމުން ގިނަ އަދަދެއްގެ އަންހެން ނޫސްވެރިން ވަނީ " ގެއްލިފައެވެ." ގިނަ އަންހެން ނޫސްވެރިން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ. ނުވަތަ ކާބުލް ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފައެވެ. އެމީހުން ވަނީ ވަޒީފާ ދޫކޮށްލާފައެވެ. އެއީ ޠާލިބާނުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއް ބުނެދޭން ވެސް ނޭނގޭތީއެވެ.

ނަމަވެސް އަމިއްލަ ޓީވީ ޗެނަލްއެއްގައި މަސައްކަތް ކުރާ ޔަލްދާ އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ ކުރިން ވެސް އޭނާ ހުރި ވަޒީފާގައި ދެމިހުރެވޭތޯއެވެ. ބިރުވެރިކަމުން ހަފަރާތް ބައްދާލާފައި ވީނަމަވެސް އެހައި ފަސޭހައިން ފަހަތައް ޖެހުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

"ޠާލިބާނުންގެ ފަރާތުން އަހަރެންނަށް ނުރައްކާތެރި ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަމެއް ނެތް. އަހަރެން މިހާރު ޓީވީ ބުނާ ކޮންމެ ބަހެއް ވެސް ބުނަނީ ވަރަށް ބޮޑަށް ވިސްނާފައި. އެއީ އަހަރެންނަށް ބުނެވޭ ބަހެއްގެ ސަބަބުން ނުރައްކާ އިތުރުވެދާނެތީ. އަހަރެން މޭކަޕް ކުރުން ވެސް މަދުކޮށްފިން. އަހަރެން މިހާރު އުޅެނީ މާބޮޑަށް ވެސް އަހަރެންގެ އަމިއްލަ ނަފްސާއި މެދު ވިސްނައިގެން." އޭނާ ބުންޏެވެ.

ޔަލްދާ ހުށަހަޅައިގެން ހެނދުނުގެ ޝޯގެ ޕްރޮޑިއުސަރު ވެސް ވަނީ ޠާލިބާނުން އަފްޣާނިސްތާން ހިފުމުން ގައުމު ދޫކޮށް ގޮސްފައެވެ. ނަމަވެސް އޭނާ އަދިވެސް ހެނދުނު އަފްޣާނިސްތާންގެ ރައްޔިތުންނާއި ބައްދަލުކުރުން ހުއްޓައެއް ނުލައެވެ. ޔަލްދާ އުއްމީދު ކުރަނީ އަފްޣާނިސްތާންގެ ހާލަތު އަދިވެސް ބަދަލުވެގެން ދާނެ ކަމަށެވެ. ނަމަވެސް އެއީ މާކައިރި މުސްތަގުބަލެއްގައި ވެދާނެ ކަމެއްކަމަށް އޭނާ ހިއެއް ނުކުރެއެވެ.