އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ސަރުކާރުގެ މުނިސިޕަލް ވަޒީފާތަކުގައި މަސައްކަތް ކުރާ އަންހެނުން 'މި ވަގުތަށް' ގޭގައި މަޑުކޮށްލުމަށް، ކާބުލްގެ އާ މޭޔަރު ހަމްދުﷲ ނުއުމާނީ އިއްޔެ އަމުރުކޮށްފިއެވެ.

ތާލިބާން ސަރުކާރުން ކާބުލްއަށް ކަނޑައަޅާފައިވާ މޭޔަރު އިއްޔެ ނެރުނު އަމުރުގައި ވަނީ، އަންހެން މުވައްޒަފުން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކޮށްލުމަށެވެ. އަދި ސަރުކާރުގައި މިހާރު އަންހެނުން އަދާކުރާ ވަޒީފާތަކުގެ ތެރެއިން ފިރިހެނުންނަށް އަދާނުކުރެވޭ ވަޒީފާއެއް ހުރި ނަމަ، އެ ފަދަ ވަޒީފާތަކަށް އަންހެނުން ނެރޭނެ ކަމަށެވެ. އޭގެ ތެރޭގައި އެ ސިޓީގެ ޑިޒައިން އާއި، އިންޖިނިއަރިން ޑިޕާޓްމެންޓް އަދި އަންހެނުންގެ އާންމު ފާހަނާތައް ސާފްކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ދާއިރާ ފާހަގަ ކޮށްފައިވެއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ނުއުމާނީ ވިދާޅުވީ ތާލިބާނުން މިދިޔަ މަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވީއިރު ކާބުލްގައި 3،000އެއްހައި އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އަންހެން މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އަމުރުނެރުއްވި ނަމަވެސް، އެ އަމުުރު ނެރެފައިވަނީ ކިތައް މުވައްޒަފުންނަށްކަން ހާމަ ކޮށްފައެއް ނުވެއެވެ.

"އެބަހުރި ބައެއް މަސައްކަތް ފިރިހެނުންނަށް ނުކުރެވޭނެ. އެ މަސައްކަތްތައް ކުރަން އަންހެން މުވައްޒަފުން ހޯދަން ޖެހޭ. އިތުރު ގޮތެއް ނެތް" ނުއުމާނީ ވިދާޅުވިއެވެ.

އަންހެނުންގެ ހައްގުތައް ދިނުމަށް ޑިމާންޑު ކުރަމުން ދަނިކޮށް، އަންހެން މުވައްޒަފުންނާ އެކު އަންހެން ދަރިވަރުންނަށް ކިޔަވައިދޭ ހައި ސްކޫލުތައް ހުޅުވަން ހުއްދަދީފައި ނުވާތީ، އަފްޣާނިސްތާނުގެ އާންމު ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެ އަންހެން ކުދިންނަށް ވަޒީފާ އަދާކުރުމަށާއި، ކިޔެވުމަށް ފުރުސަތު ދޭނެކަމަށް ބުނެ ވައުދުވެފައިވެއެވެ.

އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށް ބުނެ ތާލިބާނުން ވައުދުވެފައިވީ ނަމަވެސް، މީގެ ކުރިން ތާލިބާނުންގެ ވެރިކަމުގައި ކަންތައް ކުރި އުސޫލުން ކަންތައް ކުރަމުންދާކަމަށް އެގައުމުގެ ރައްޔިތުން ބުނަމުންދެއެވެ. މި އަޑުތައް އިތުރަށް ގަދަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހައި-ސްކޫލުތައް ހުޅުވާފައި ވާއިރު، ކިޔެވުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ފިރިހެން ކުދިންނަށް ވެފައި އަންހެން ކުދިންގެ ސުކޫލުތައް ވަރަށް އަވަހަށް ހުޅުވުމަށް މަޝްވަރާ ކުރެވެމުންދާކަމަށް އެ ޖަމާއަތުން ބުނުމާއިވެސް ގުޅިގެންނެވެ.