އަފްޣާނިސްތާނުގެ ސިއްހީ ނިޒާމް ބޮއްސުންލައިގެން ދިއުމުން ސަލާމަތް ކުރުމަށް އަމާޒުކޮށް އދގެ އެއިޑް ޗީފް، އެމަޖެންސީ ފަންޑުގެ ދަށުން 45 މިލިއަން ޑޮލަރު ދޫކޮށްފިއެވެ.

އދގެ އަންޑާ ސެކެޓްރީ ޖެނެރަލް ފޯ ހިއުމަނިޓޭރިއަން އެފެއާޒް އެންޑް އެމަޖެންސީ ރިލީފް ކޯޑިނޭޓަރ، މާޓިން ގްރިފިތް އިއްޔެ ވިދާޅުވީ އދގެ ސެންޓްރަލް އެމަޖެންސީ ރެސްޕޮންސް ފަންޑުން ފައިސާ ނަގައި، އަފްޣާނިސްތާނަށް ސިއްހީ ނިޒާމް ބޮއްސުންލައިގެން ދިއުން ހުއްޓުވައި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ހިތްވަރެއް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.

"އަފްޣާނިސްތާނުގެ ސިއްހީ ނިޒާމް ބޮއްސުންލައިގެން ދާން ދޫކޮށްލުމަކީ އެތައް ގެއްލުމެއް ލިބޭނެ ކަމެއް" ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އުޖޫރަނުދޭ ކަމާއި، ބޭސް ހުސްވަމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވުމާއި ގުޅިގެން އެގައުމަށް ދެމުން ގޮސްފައިވާ ބޭރުގެ އެހީތައް ވަނީ މެދުކަނޑާލައިފައެވެ. އެގޮތުން، ވޯލްޑް ބޭންކާއި، ޔޫރަޕިއަން ޔޫނިއަންއިން ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލައިފައެވެ. މީގެ ސަބަބުން ބޭރުގެ އެހީތަކަށް ބަރޯސާވެފައިވާ އަފްޣާނިސްތާނަށް ވަނީ މާލީ ހާލަތުދަށްވެ، ކާރިސާއަކާއި ކުރިމަތިލާން ޖެހިފައެވެ.

އދން ބުނީ ފަންޑު ކުރުމުން އޭގެ ފައިދާ ކުރާނީ އަފްޣާނިސްތާނުގެ ސިއްހީ ދާއިރާތަކަށާއި، ކޮވިޑް ސެންޓަރުތަކަށް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން މީގެ ކުރިން ބުނެފައިވަނީ އަފްޣާނިސްތާނުގެ 90 އިންސައްތަ ކްލިނިކްތައް ހާލަތު ގޯސްވުމާއި ގުޅިގެން ބަންދުކޮށްފައިވާ ކަމަށެވެ.