އެމެރިކާ އިން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ ސަރުކާރު ބަލައިގަންނަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އިމްރާން ހާން ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން ކައިރި ގައުމުތަކާ މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާ އެކު ގޮތެއް ނިންމަވާނެ ކަމަށެވެ.

ތާލިބާނުން އަފްޣާނިސްތާނަށް އަރައި އެގައުމުގެ ވެރިރަށް ކާބުލް އެ ޖަމާއަތުގެ އަތް ދަށަށް ގެނައި އިރު ބޮޑު ލޭއޮހޮރުވުމަކަށް ނުގޮސް ފަސޭހަކަމާއި އެކު ތާލިބާނުންގެ އަތްދަށަށް އެ ސިޓީ ދިއުމުން ހައިރާންވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އަފްޣާން ރައްޔިތުންނަށް އަޅާލުމަށް ދުނިޔޭގެ ގައުމުތަކަށް ޕާކިސްތާނުން ވަނީ ގޮވާލާފައެވެ. އަދި އަފްޣާން ރައްޔިތުންނަށް އަޅާނުލައިފި ނަމަ އެގައުމުގެ ރައްޔިތުން ވަރަށް ނިކަމެތި ވެގެންދާނެކަމަށް އިމްރާން ހާން ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި 21 އަހަރުވަންދެން ތިބި އެމެރިކާ ސިފައިން އެގައުމުން ފާބާފައި ވަނީ އެގައުމުގެ ރައީސް ޖޯ ބައިޑެންގެ އެންގެވުމުގެ މަތިންނެވެ. މިއާއެކު ބައިޑެން އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވިއެވެ.

އަދި އެމެރިކާގައި ކޮންމެ މަހެއްގައި ނަގާ ވޯޓުގައި ބައިޑެން އާއި ޓްރަމްޕަށް އޮންނަ ތާއީދު ޓްރަމްޕް ކޮޅަށް އިތުރުވެގެން ދިޔައެވެ. މިއީ ޓްރަމްޕުގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް ބައިޑެން އެންގުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ޓްރަމްޕްއެވެ.