އެމެރިކާ އާއި ޔޫރަޕުގެ އެހެން ގައުމުތަކުން، ނިރުބަވެރި، ހަތިޔާރު އެޅި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތާލިބާން ޖަމާއަތަށް ވެސް ޓުވިޓާ އެކައުންޓް ބޭނުންކޮށް، ބަރާބަރަށް ޓްވީޓް ކުރެވޭ ކަމަށާއި، ނަމަވެސް އޭނާއަށް ޓުވިޓާ އެކައުންޓެއް ބޭނުންނުކުރެވޭ ކަމަށް ބުނެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޝަކުވާކޮށްފިއެވެ.

ޓްރަމްޕް އެގޮތަށް ޝަކުވާ ކުރީ ފެޑެރަލް ކޯޓަށް ވެއްދި މައްސަލައިގައެވެ.

މި އަހަރުގެ ޖުލައި މަހު ޓްރަމްޕް ވަނީ ފޭސްބުކް، ޓުވިޓާ، ގޫގުލް އަދި ޔޫޓުއިބް އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ޓްރަމްޕް ބުނީ، މި ކުންފުނިތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެކޮޅު ހަދައި ހިޔާލުފާޅުކުރާ ފަރާތްތަކުގެ އެކައުންޓުތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ޓްރަމްޕް މިފަދައިން ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު، އޭނާގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް އަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދީ ކުރި ޓުވީޓްތަކަކާ ގުޅިގެން ޓުވިޓާ ކުންފުނިން، ޓްރަމްޕުގެ ޓުވިޓާ އެކައުންޓް ބޭނުންނުކުރެވޭ ގޮތް ހެދުމާ ގުޅިގެންނެވެ.

އަދި އޭނާގެ ނަމުގައި ހިންގަމުން އައި ޓުވިޓާ އެކައުންޓް، ޓުވިޓާ ކުންފުނިން ސަސްޕެންޑް ކޮށްފައިވާތީ، އަލުން އެ އެކައުންޓް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ. ޓުވިޓާ އެކައުންޓް ބޭނުންކުރެވޭ ގޮތް ހަދައިދިނުމުގެ އަމުރެއް، ޓުވިޓާ ކުންފުނީގެ މައްޗަށް ނެރެދެދިނުމަށް އެދި ޓްރަމްޕް ބުނި ގޮތުގައި ބޮޑު ޓެރަރިސްޓް ޖަމާއަތަކަށް ޓުވިޓާ އެކައުންޓެއް ހިންގޭއިރު، އެމެރިކާގެ ރައީސްކަން ކުރި މީހަކަށް އެ ފުރުސަތު ނުދިނުމަކީ ދެކޮޅުު ނުޖެހޭ ގޮތެއް ކަމަށެވެ.

އޭނާ ބުނީ ރައީސްކަން ކުރި ދުވަސްވަރު ވެސް އޭނާ ކުރާ ބައެއް ޓްވީޓްތައް "މިސްލީޑިންގް އިންފޯމޭޝަން" ނުވަތަ ޓްވިޓާގެ ޕޮލިސީއާއި ހިލާފުވާ ކަމަށް ބުނެ ޓްވީޓްތައް ސެންސަރު ކޮށްފައިވާ ކަމަށެވެ.